ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހަދަނީ
Vaanuvaa bandhugai thibey meehunge adhadhu enmme madhu gaumakah raajje hadhanee

އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުން ނުވަތަ ‘ވާނުވާ’ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުގެ އެކި މަސައްކަތްތަކާއި ޤައުމުގައި ހުރި އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުން ގިނަވުމަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް ކަމަކަށްވާއިރު، މިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ވަސީލަތްތައް ފަހިކޮށްދިނުން
ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅުއްވައި، ކުރީގެ ސަރުކާރުތަކުން އެ ދާއިރާއަށް ފޯރުވަމުން އައި ނުފޫޒުތައް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ގެނައި ހައްލު
މައްސަލަތައް ކުރިއަށް ނުގޮސް ގިނަ ދުވަސްވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެމުން އައީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމެވެ. އެކަން ހައްލުކުރުމުގެ ގޮތުން ޖަސްޓިސް ބިލްޑިންގެ އެނެކްސްއެއް ހުޅުމާލޭގައި ހުޅުވައި، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ސަރުކާރުން ވަނީ އެ އިމާރާތަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު ކޯޓުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.




