ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: ފައިނަލުގައި އެވަލްޒް އެފްސީ އާއި އަފޭންގެ ކުރިމަތިލުމެއް

ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، އެވަލްޒް އެފްސީ އާއި އަފޭން ފައިނަލަށް ދަތުރުކޮށްފިއެވެ.
އެވަލްޒް އެފްސީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 7-1 ގެ ނަތީޖާއަކުން އެވަލްޒް އެސްސީ ބަލިކުރުމަށްފަހުއެވެ. އަދި އަފޭންނުން ފައިނަލުގެ ޖާގަ ހޯދީ 3-2 ގެ ނަތީޖާއަކުން ސޭންޑްސް އޮފް ލާމު ބަލިކުރުމަށްފަހުއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެވަލްޒް އެފްސީގެ ހުސައިން ޒުލާލް ޒާހިރު ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، މުހައްމަދު ސިނާޒް، މުހައްމަދު ފައްޔާޒް އަދި ހުސައިން ހަމީދު ލަނޑު ޖެހިއިރު، އެވަލްޒް އެސްސީގެ އަބްދުﷲ އަފުސަދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އެވަލްޒް އެސްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކެޕްޓަން، ބާސިމް އަބްދުއްސަމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒުލާލެވެ.
ސޭންޑްސް އޮފް ލާމާއި އަފޭން ބައްދަލުކުރި މެޗު ފެށިގެން ދެވަނަ މިނެޓުގައި ހައްޔާން ޝަރީފް ވަނީ ލަނޑެއް ޖަހައި، އަފޭންނަށް ކުރިހޯދަދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަހުމަދު ޝާމިޒް ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފައެވެ. އަފޭންނުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަފޭންގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އަބްދުލް މަތީން އިބްރާހިމްއެވެ.
ދެވަނަ ހާފު ފެށިގެން، ސޭންޑްސް އޮފް ލާމަށް ހިތްވަރެއް ލިބުނީ މެޗުގެ 30 ވަނަ މިނެޓުގައި ކެޕްޓަން، އަލީ ޝިމާޒް ކާމިޔާބުކުރި ލަނޑާއެކުއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޝިމާޒް ވަނީ އިތުރު ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ ހައްޔާނެވެ.
އެވަލްޒް އެފްސީ އާއި އަފޭން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ.