ގަމު ފުޓުބޯޅަ މުބާރާތް: މުކުރިމަގު ބަލިކޮށް، މަތިމަރަދޫގެ ވަރުގަދަ ފެށުން ކުރިއަށް

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު 1-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މުކުރިމަގު އެފްސީ ބަލިކުރުމަށްފަހު، މަތިމަރަދޫ އެފްސީން އެ ޓީމުގެ ވަރުގަދަ ފެށުން ދަމަހައްޓައިފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މުކުރިމަގާއި މަތިމަރަދުއެވެ. މުކުރިމަގުން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި މަތިމަރަދޫ ބަލިކުރުމަށްފަހުއެވެ.

މަތިމަރަދޫން ވަނީ މިއަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ހިތަދޫ އެފްސީ ބަލިކޮށްފައެވެ. އަދި މުކުރިމަގުން މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި މަތިމަރަދޫ ޓީމުގެ މޫސާ ހާނިމްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތުގައި، އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ. އަދި ދެވަނަ ފުރުސަތުގައި ފޮނުވާލި ބޯޅަ، މުކުރިމަގު ޓީމުގެ ކީޕަރު، މުހައްމަދު ރަޝީދު (ޓޭޓު) ވަނީ ދިފާއުކޮށްފައެވެ.

މުކުރިމަގު ޓީމަށްވެސް ވަނީ ފުރަތަަމަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން މައުރޫފް އަލީ (އޫޓު) ފޮނުވާލި ބޯޅަ، މަތިމަރަދޫ ޓީމުގެ ކީޕަރު، މުހައްމަދު ޝާހީން (މޯޑު) ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން، މުކުރިމަގު ޓީމުގެ ޝަނާން ރަޝާދަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 77 ވަނަ މިނެޓުގައި މުކުރިމަގުގެ އޭރިއާ ތެރެއިން ވާންޗޯއަށް ކުރި ފައުލަކާ ގުޅިގެން މަތިމަރަދުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މަތިމަރަދޫ މޮޅުކޮށްދިނީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ.

މި ނަތީޖާއާއެކު، މަތިމަރަދޫ ވަނީ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ހަ ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި ތުނޑިއަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

މުބާރާތުގައި މާދަމާ ހަވީރު މާބައިދޫ ޓީމު ނިކުންނާނީ ހިތަދުއާ ދެކޮޅަށެވެ. މުބާރާތުގައި ކުރިޔަށް ދިއުމަށް، މި މެޗުން މޮޅުވުން ދެ ޓީމަށްވެސް މުހިންމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments