ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: ޕެނަލްޓީގައި އަފޭން ބަލިކޮށް، ޗެމްޕިއަންކަން އެވަލްޒް އެފްސީއަށް

އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަފޭން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެވަލްޒް އެފްސީން ހޯދައިފިއެވެ.
އަފޭން ފައިނަލަށް ދަތުރުކުރީ ސެމީ ގައި ސޭންޑްސް އޮފް ލާމު ބަލިކުރުމަށްފަހުއެވެ. އަދި އެވަލްޒް އެފްސީން ވަނީ ސެމީ ގައި ތަފާތު ބޮޑު ނަތީޖާއަކުން އެވަލްޒް އެސްސީ ބަލިކޮށްފައެވެ.
ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޖެހުނު ހަމަނުޖެހުމެއްގެ ތެރެއިން އަފޭންގެ މުހައްމަދު ޔާމީން ޝަރީފާއި އެވަލްޒްގެ އަހުމަދު އަތީފަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މެޗުގެ އަށްވަނަ މިނެޓުގައި އެވަލްޒްގެ ކެޕްޓަން، އަހުމަދު އަސީލް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އަފޭންނަށް ނަތީޖާ ހަމަހަމަ ކުރަން މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެވަލްޒް އިން ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިސްމާއިލް އަފާޒް ވަނީ ލަނޑު ޖަހައި، އަފޭންނަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ހައްޔާން ޝަރީފް ވަނީ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް އަފޭންނަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މުހައްމަދު ފައްޔާޒް ޖެހި ލަނޑާއެކު އެވަލްޒް އިންވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު، ދެ ޓީމު ވަނީ 2-2 ގެ ނަތީޖައަކުން އެއްވަރުވެފައެވެ.
އެވަލްޒް އިން ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ. އެ ޓީމުން ވަނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު ޒުލާލް ޒާހިރާއި މުހައްމަދު ސިނާޒްގެ އިތުރުން ހުސައިން ހަމީދެވެ. ޓީމުގެ ކެޕްޓަން އަސީލް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
އަފޭންނުން ޕެނަލްޓީ ކާމިޔާބުކުރެވުނީ ހައްޔާން އާއި އަހުމަދު އަމަން އަލީ އަށެވެ. އަހުމަދު ޝާމިޒް ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، އަފާޒުގެ ޕެނަލްޓީ، އެވަލްޒްގެ ކީޕަރު އަހުމަދު ސައިފް ވަނީ ދިފާއުކޮށްފައެވެ. އަދި އިސްމާއިލް މީސަމް މަސީހް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތިރުން މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އެވަލްޒްގެ ސައިފުއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެވަލްޒް އެފްސީގެ އަސީލް އާއި ހަމީދު އަދި އަފޭންގެ ހައްޔާން އާއި އަފާޒްގެ އިތުރުން ޖީ-ސްޓާ އެސްސީގެ އަހުމަދު އަލްތާފް އަޒީމެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަސީލް އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ކިޔުއެމް ސްޕޯޓްސް އެކަޑަމީގެ އަލީ އަބާން އަބްދުއްރަހީމްއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހީ އެ ޓީމުގެ މުހައްމަދު އިނާލް އިބްރާހިމްއެވެ. އޭނާ ވަނީ ޖުމްލަ ނުވަ ލަނޑު ޖަހާފައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކިޔުއެމްއެވެ.