ގަމު ފުޓުބޯޅަ މުބާރާތް: ސެމީގެ ފަހު ޖާގަ ތުނޑިއަށް ލިބުނުއިރު، މެޗުގައި ފަސް ރަތް ކާޑު

ގަމު ފުޓުބޯޅަ މުބާރާތް 2024 ގައި، މިއަދު ހަވީރު 3-0 ގެ ނަތީޖާއަކުން ތުނޑި އެފްސީން މަތިމަރަދޫ އެފްސީ ބަލިކުރިއިރު، މި މެޗުގައި ފަސް ރަތް ކާޑު ދައްކައިފިއެވެ.
މިއަދުގެ މެޗަށް ނިކުތްއިރުވެސް މަތިމަރަދޫން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ސެމީ ފައިނަލަށް ދިއުމަށް، ތުނޑިއަށް ވަނީ މި މެޗުން މޮޅުވުން މަޖުބޫރުވެފައެވެ.
މަތިމަރަދޫން މި މެޗަށް ނިކުތްއިރު، އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި ހަލިލް ގަމާލް އަދި އަލީ ނާސިހު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ޖޭންނެ އާއި ހަލިލް ވަނީ މިހާރު ކުރިޔަށްދާ ނައިންޓީ ޕްލަސް-ގޯލްޑް ކަޕުގައި ކުޅުމަށް މާލެ ދަތުރުކޮށްފައެވެ. އަދި ތުނޑީ ޓީމުގެ ސްކޮޑުގައި އަޔާޒް އަހުމަދު (އަޔާ) ހިމަނާފައެއް ނުވެއެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން އަށްވަނަ މިނެޓުގައި ތުނޑިއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ޒައިން ޒަފަރު ވަނީ އެ ޓީމަށް ކުރިހޯދަދީފައެވެ. ތުނޑިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން، މެޗު ދިޔައީ މަޑުމަޑުން ހޫނުވަމުންނެވެ. އެގޮތުން، ތުނޑީ އޭރިއާ ތެރެއިން މަތިމަރަދޫ ޓީމުގެ މޫސާ ހާނިމް (ވާންޗޯ) ވެއްޓުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ކަމަށް ނިންމައި، ކަށިގަނޑު ފުމެފައެވެ. އެވަގުތު، ތުނޑީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ގަދަޔަށް ނުރުހުން ފާޅުކޮށްފައެވެ. އޭގެފަހުން، ލައިންސްމަނާ ވާހަކަ ދެއްކުމަށްފަހު، ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގައި މަތިމަރަދޫ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލަކަށް ކުޅެން ނިކުތް އަހުމަދު ސައިފުއެވެ. އޭނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަލީ އަރުޝަދު (ޓޮއިން) ވަނީ ލަނޑެއް ޖަހައި، ތުނޑިއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ގާތްގަނޑަކަށް 65 މިނެޓު ކުޅެވުނުތަނާ، ދެ ޓީމުގެ ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ދެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާފައެވެ. ދެ ޓީމުގެ ކުޅުންތެރިންނާއި ސްޕޯޓަރުން ދުރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހަރަކާތްތެރިވެފައެވެ.
މެޗުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްފަހު، މެޗު ފެށުނީ އެއް ގަޑިއިރަށްވުރެ ގިނައިރުވީ ފަހުންނެވެ. މެޗު އަލުން ފެށުމުގެ ކުރިން ރެފްރީ ވަނީ ހަމަނުޖެހުމުގައި ބައިވެރިވި ފަސް ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައެވެ. ރަތް ކާޑު ދެއްކީ ތުނޑީ ޓީމުގެ މުހައްމަދު ރާއިޝް އާއި ޖުނެއިހު އަބްދުﷲ (ޖަޑާ) އަދި ޓޮއިންގެ އިތުރުން، މަތިމަރަދޫ ޓީމުގެ ސައިފު އާއި މުހައްމަދު ސަމާހު (ސަމައްޓޭ) އަށެވެ. އޭގެތެރެއިން ރާއިޝް ފިޔަވާ ބާކީ ތިބި ހަތަރު ކުޅުންތެރިންނަކީ އެވަގުތު ދަނޑަށް ކުޅެން އަރާ ތިބި ހަތަރު ކުޅުންތެރިންނެވެ. އެހެންކަމުން، ދެ ޓީމުންވެސް މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުއެވެ.
މަތިމަރަދޫ ޓީމުގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީ ބައިގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ، ޑިފެންސަށް ކުޅޭ ހުސައިން ޝައްމާހުއެވެ. އޭގެ ފައިދާ ނަގައި، ތުނޑިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު ޖިނާހު (ޖީތު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުނޑީ ޓީމުގެ ޒައިންއެވެ.
ސެމީ ފައިނަލުގައި ތުނޑި ބައްދަލުކުރަން ޖެހޭނީ މުކުރިމަގު އެފްސީ އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު، 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުކުރިމަގެވެ.