ގަމު ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް މާދަމާރޭ ފަށަނީ

އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2025“ ގައި ވާދަކުރާ ލ.ގަމު ފުޓްސަލް ޓީމުން މާދަމާރޭ ފަރިތަކުރުންތައް ފަށަން ނިންމައިފިއެވެ.
ގަމު ފުޓްސަލް ޓީމުން މައުލޫމާތު ދިން ގޮތުގައި އެ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށާނީ މާދަމާ ރޭ 23:45 ގައެވެ. އަދި މި ފަރިތަކުރުންތައް ކުރިޔަށްދާނީ މާލޭ ސިޓީގެ ކުޑަ ހެންވޭރު ޓާފްގައެވެ.

ގަމު ފުޓްސަލް ޓީމުގެ މެނޭޖަރ، ސަމާހު އަބްދުއް ރަޝީދު (ސަމަން) މައުލޫމާތު ދިން ގޮތުގައި، ޓީމުގެ ހުރިހައި ކުޅުންތެރިން ހަމަވާނީ އަންނަ ހަފުތާގައެވެ. އަދި މާދަމާ ރޭގެ ފަރިތަކުރުމުގައި ބައެއް މުހިންމު ކުޅުންތެރިން ނުހިމެނޭނެ ކަމަށް އޭނާ ބުންޏެވެ. އޭގެތެރޭގައި އަބްދުﷲ ޖުނެއިދު (ޖޭންނެ)، އަލީ ޝާމިސް (ތޮއްޕެ)، އަހުމަދު ހަލީމް (އައްމަޑޭ) އަދި ހުސައިން ނާޝިދު (ނާއްޓޯ) ފަދަ މުހިންމު ކުޅުންތެރިން ހިމެނެއެވެ.

ސަމަން ބުނި ގޮތުގައި ގަމު ފުޓްސަލް ޓީމުން މި މުބާރާތައްވެސް ނިކުންނާނީ ފުރިހަމަޔަށް ތައްޔާރުވެ، ވަރުގަދަ ސްކޮޑަކާއެކު، ކާމިޔާބީ ތަކުރާރުކުރުމުގެ ފުރިހަމަ އަޒުމާއެކުއެވެ. އަދި ޓީމުގެ އުއްމީދަކީ، މުބާރާތުގައި ވާދަކުރާ ހުރިހައި ބުރެއްވެސް ކާމިޔާބު ކުރުން ކަމުގައި ބުންޏެވެ. އެގޮތުން، އެންމެ ފުރަތަމަ ޓާގެޓް ކުރާނީ ޗެރިޓީ ޝީލްޑް ދިފާއުކުރުމަށް ކަމަށް ސަމަން ބުންޏެވެ.

ސަމަން ވަނީ ގަމު ކައުންސިލުގެ ފަރާތުން ޓީމަށް ދެއްވާ އެއްބާރުލުން ފާހަގަކޮށަ ޝުކުރު އަދާކޮށްފައެވެ. އެގޮތުން، ޓީމުގެ ހަރަދުތައް ބެލެހެއްޓުމުގައާއި ޓީމުގެ އެހެނިހެން ކަންކަމުގައި ކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބޭކަން ސަމަން ފާހަގަކުރިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ތާވަލުކޮށްފައިވަނީ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހަށެވެ. މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމުގައިވާ ގަމާއި ބ.އޭދަފުށްޓެވެ. އަދި މިއީ އެންމެ ފަހުން ކުރިޔަށްދިޔަ މުބާރާތުގެ ފައިނަލުގެ ”ރިޕީޓް“ އެކެވެ.