ގަމު ފުޓްސަލް ޓީމުގެ ކޯޗަކަށް މިފަހަރުވެސް އިއްސެ

ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި ވާދަކުރާ ގަމު ފުޓްސަލް ޓީމުގެ ކޯޗަކަށް މިފަހަރުވެސް އިސްމާއީލް ޝަރީފް (އިއްސެ) ހަމަޖައްސައިފިއެވެ.
އިއްސެ އަކީ މިވަގުތު ރާއްޖޭގައި ތިބި ފުޓްސަލް ކޯޗުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ކޯޗެވެ. އެގޮތުން، އޭނާ ވަނީ ގަމު ފުޓްސަލް ޓީމުގެ ކޯޗުކަން ގިނަ އަހަރުތަކެއްގައި ކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ ކްލަބް މޯލްޑިވްސް ކަޕް ހިމެނޭހެން ރާއްޖޭގެ ބޮޑެތި ގިނަ ފުޓްސަލް މުބާރާތްތަކުގައި ކޯޗުކަން ކޮށްދީފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގަމު ފުޓްސަލް ޓީމުން ހޯދާ ކާމިޔާބީގެ ހަގީގީ މޭސްތިރިއަކީ އިއްސެ ކޯޗެވެ. އޭނާ ވަނީ ގަމު ފުޓްސަލް ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދުމެވެ. އަދި 2018 ވަނަ އަހަރާއި މިއަހަރުގެ ރަނަރަޕްކަންވެސް ހޯދީ އިއްސެގެ އިރުޝާދާއެކު ކުޅުނު ގަމު ފުޓްސަލް ޓީމުންނެވެ.

އިއްސެ އާއެކު ގަމުން ވަނީ މިއަހަރުގެ ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އެ ޓީމުން ވަނީ 2017، 2018، 2019، 2023 އަދި 2024 ގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާފައެވެ. ހަމައެހެންމެ، 2017، 2018، 2019 އަދި 2024 ގައި ޒޯން 6 ގެ ޗެމްޕިއަންކަން ހޯދީވެސް އިއްސެގެ އިރުޝާދާއެކު ކުޅުނު ގަމު ފުޓްސަލް ޓީމުންނެވެ.
ގަމު ފުޓްސަލް ޓީމުން މިހާރު ވަނީ އިއްސެ ކޯޗާއެކު ފަރިތަކުރުންތައް ފަށާފައެވެ. އެ ޓީމުގެ ފުރަތަމަ ޓާގެޓަކީ ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމެވެ.