ގަމުގައި 100 ކޮޓަރީގެ ސިޓީ ހޮޓަލަކާއި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަނީ

ހައްދުންމަތީ ގަމުގައި 100 ކޮޓަރީގެ ސިޓީ ހޮޓަލަކާއި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، އެ މަސައްކަތްކޮށް، ހިންގާނެ ފަރާތްތަކާއެކު ގަމު ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގަމު ކައުންސިލުން މިދިޔަ އަހަރު ވަނީ ޓުއަރިޒަމް ޒޯނުގައި ހިމެނޭ ބައެއް ބިން ކުއްޔަށް ދިނުމަށް އިއުލާނުކޮށްފައެވެ. އޭގެތެރެއިން ”މަތިވަރު 18“ ބިމަށް ބިޑުކޮށް، ކާމިޔާބުކުރީ ޔޯމަން އޭޖެންސީސް މޯލްޑިވްސް ޕްރައޮވެޓް ލިމިޓެޑެވެ. އަދި ”ކުރި 10“ ބިން ކާމިޔާބުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑުންނެވެ.
ގަމު ގުރަހަ މާލަމުގައި މިއަދު ހެނދުނު ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި ގަމު ކައުންސިލާއި ޔޯމަން އިންވަނީ 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ގަމު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި ޔޯމަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޑެންބީ ސެއިންޓް ޖޯން ވިލިއަމްސް އެވެ.
ޔޯމަން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ. އަދި މިހާރު އެ ކުންފުނިން ވަނީ ޓުއަރިޒަމް ދާއިރާއަށް އިތުރަށް ސަމާލުކަންދޭން ފަށާފައެވެ. އެގޮތުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ލ.އަތޮޅުގެ މަބުގޫލުކަން ހޯދާފައިވާ ”މެވްރިކް ހޮޓެލް މޯލްޑިވްސް“ އަކީ ޔޯމަންގެ ދަށުން ހިންގާ ހޮޓަލެކެވެ.
ޔޯމަން އިން ގަމުގައި ތަރައްގީކުރާ ސިޓީ ހޮޓާ ހިންގުމަށް ހަމަޖެހިފައިވަނީ ”ދަ ބޮހެމިއަން ހޮޓެލް“ ނަމުގައެވެ. މިއީ ގިނަ އަދަދެއްގެ ”ވޯޓާ ވިލާ“ ތަކެއްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ހޮޓެލަކެވެ.
މިއަދު ހަވީރު ގަމު ކައުންސިލާއި ފެޑޯ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ގަމު ކައުންސިލްގެ އިދާރާގައެވެ. ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި ފެޑޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ފަޔާޟް އެވެ.

ފެޑޯ އަކީ ރާއްޖޭގައި 12 އަހަރަށްވުރެ ގިނަ ދުވަހު، ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި ރިސޯޓު ތަރައްގީ ކުރުންވެސް ހިމެނެއެވެ. އަދި މިހާރު ޓުއަރިޒަމް ދާއިރާއަށް ވަދެފައިވާއިރު، ފެޑޯ އިން ވަނީ ހުޅުމާލޭގަ އާއި ހއ.ކެލާގައި ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައެވެ.
ގަމުގައި އަލަށް ތަރައްގީ ކުރަމުންދާ ބޮޑު މިސްކިތުގެ މަސައްކަތް ކުރަމުންދަނީވެސް ފެޑޯ އިންނެވެ.
ފެޑޯ އިން ގަމުގައި ތަރައްގީ ކުރުމަށް ނިންމާފައިވަނީ ޖުމްލަ 50 ކޮޓަރި ހިމެނޭ، ހަތަރު ފްލޯގެ ސިޓީ ހޮޓަލެކެވެ.
މި ދެ ކުންފުނީގެވެސް އަމާޒަކީ މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމައި، ހިދުމަތް ދޭން ފެށުމެވެ. މި މަޝްރޫއުގެ ސަބަބުން، ގަމުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެއެވެ. އަދި އިގްތިސޯދީ ގޮތުން ރަށަށް ކުރިއެރުން ލިބޭއިރު، ގަމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ގަމު ކައުންސިލުން ވަނީ 52 ކޮޓަރީގެ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ބައިސަން ޓްރެވަލް މޯލްޑިވްސް އާއެކު މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ މަޝްރޫއުވެސް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބައިސަން އިންވަނީ މައުލޫމާތު ދީފައެވެ.