އަހަރެންމަތިން ކުޑަކޮށްވެސް ހަނދާން ނުވަނީހެއްޔެވެ؟

އަންހެނަކު ވަރަށް އަސަރާއިއެކު ކިޔައިދިނެވެ. “ އަހަރެންގެ ދެބޭބެ ތިބެއެވެ. ތިން ބެއިން އެއްގެއެއްގައި އުޅެ ބޮޑުވީ ވަރަށް އުފަލުގައެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީވެ ހެޔޮފޯރުވަމުންނެވެ. އަހަރެމެން ވަރަށް ކުޑައިރު ބައްޕަ ނިޔައުވެއްޖެއެވެ. މަންމައަކީ ވަޒީފާއަށް ދާ މީހެކެވެ. މަންމަ ނޫޅޭ ވަގުތުތަކުގައި މަންމަގެ މަގާމާ ހަވާލުވެ މަންމަގެ ދައުރު އަދާކުރަނީ އަހަރެންނެވެ. ބޭބެމެންނަށް ކައްކައި ކާންދީ، ދޮވެ އިސްތިރިކޮށް ހަދަނީވެސް އަހަރެންނެވެ. އެގޮތުގައި، ތިން ކުދިން ނިކަން ލޯބިކޮށް، އުޅެ ބޮޑުވީ ވަރަށް އުފަލުގައެވެ.

މާކަ ގިނަ ދުވަހެއް ނުވެއެވެ. ކައިވެނިކޮށްގެން ފަހަރަކު މީހަކު ގެ ދޫކޮށް ހިނގައްޖެއެވެ. އެއްރަށެއްގައި ތިބެންޏާ އިރުއިރުކޮޅާ ވަދެލެވޭނެކަމަށް ބުނެ އުންމީދުތަކެއް ދެމުންނެވެ. އެއްގެއެއްގައި އުޅެންޏާ މަސްލަހަތު ގެއްލޭނެކަމަށް ބުނެ ބަހަނާތަކެއްވެސް ދައްކަމުންނެވެ. ފެށިކޮޅުގައި އިރުއިރުކޮޅުން މި ގެއަށް އެއައި އައުން، ދުވަސްދުވަސްކޮޅަށް ބަދަލުވެ، އެކަން ހަފުތާ ބަންދަށް ބަދަލުވެ އެއަށް ފަހު މަހަކު އެއްފަހަރަށްވެ، އެކަން ބޮއްސުންލައިފިއެވެ. އެކަމާ ފިކުރުކޮށްކޮށް މަންމަގެ ހާލު ދެރަވެއްޖެއެވެ. އާއިލާގެ ހަގުދަރި ކަމަށްވެފައި، އަންހެން ދަރިއަށްވެސް ވީމަ ތޯއްޗެކެވެ. މަންމަ ބެލެހެއްޓުމަކީ، ހަމައެކަނި އަހަރެންގެ ޒިންމާއަކަށް ވެއްޖެއެވެ. އެތައް ދުވަހަކު ބަލިއެނދުގައި އޮވެ މަންމަ ނިޔައުވިއިރުވެސް އެކަން އޮތީ އެގޮތުގައެވެ.

މަންމަ ނިޔައުވުމުން ލިބުނު އެކަނިވެރިކަމާއި، ބޭބެމެންގެ ފަރާތުން އަޅައިލުމެއް ނެތުމުން ލަސްނުކޮށް ކައިވެންޏެއް ކުރީމެވެ. ހެޔޮލަފާ ފިރިއެކެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. އެގޮތުގައި ދިރިއުޅުން ކުރިއަށް ގޮސް، ކައިވެންޏަށް ތިން ދަރިން ލިބިއްޖެއެވެ. އަހަރެން ފަދައިން ހަގަށް ހުރީ އަންހެން ކުއްޖެކެވެ. އެކަކު އަނެކަކު ދެކެ ހަމަ އެހާމެ ލޯބިވެއެވެ. އަހަރެންގެ ބޭބެމެން ކޮބައިތޯ އެކުދިންވެސް ސުވާލުކުރެއެވެ. މިގެއަށް ނާންނަނީ ކީއްވެގެންތޯވެސް ސުވާލުކުރާނެ އެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިންނަންޖެހެނީ އެސުވާލުގެ ޖަވާބު ހުދު އަހަރެންނަށްވެސް ނޭނގޭތީ އެވެ.

ކުދިވެރިން އުޅޭ ގޮތުން ޅަފަތުގެ ހަނދާންތައް ލައްކަ އައުވެއެވެ. ބޭބެމެން މަތިން ހަނދާންވެ ރޮވޭ ފަހަރުވެސް މަދެއް ނޫނެވެ. އެކަމަކު އެއިން މީހަކު އަހަރެން އުޅޭތަނަކަށް ވަދެނުލާ ތަނުގައި އަހަރުމެންގެ ހާލުބަލައިލުމަށް ގުޅާލުމެއްވެސް ނެތެވެ. އެމީހުންނަށް އަހަރެން މަރުވެފައިވާ ކަހަލައެވެ. ފަހަރުގައި އެމީހުންގެ ދިރިއުޅުމަށް، މިއަދު އަހަރެންގެ ބޭނުމެއް ނެތީކަމަށް ވެދާނެއެވެ. އެކަމަކު އަހަރެންގެ ދިރިއުޅުމުގައި ބޭބެމެން ނެތްކަމުގަ ފަޅުކަން އަބަދުމެ އިހުސާސްކުރެވެއެވެ. އެދެމީހުންގެ މަތިން ހަނދާން ވާހިނދު ހިތަށް ކެތް ނުކުރެވޭފަދަ އަސަރުތަކެއް ގެނުވައެވެ. އެކަނި ހުންނަ އިރު އެފަދަ ހަނދާންތައް އަހަރެންގެ އިހުސާސްތަކާއި ގުޅޭހިނދު ގަސްތަކާއި ނުލައި ގިސްލައި ރޮވެނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ.

މިފަދަ ހަނދާންތަކެއްގައި ދިރިއުޅެމުން އަންނައިރު އަހަރެންގެ ހިތަށް އަރައެވެ.
ބޭބެމެން އަހަރެންމަތިން ކުޑަކޮށްވެސް ހަނދާން ނުވަނީހެއްޔެވެ؟ އެމީހުން ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީ ހެއްޔެވެ؟ އަހަރެން އުޅެނީ ކޮންހާލެއްގައިތޯވެސް އެމީހުން ބަލަން ބޭނުން ނުވަނީހެއްޔެވެ؟ ބޮޑުވީމާ އެއްބަނޑުއެއްބަފާކަމުގެ ގުޅުންވެސް ނޯންނަނީ ހެއްޔެވެ؟

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments