ކެފޭތަކުގައި ދުންފަތް ބޭނުންކުރަން ވަކި ތަނެއް ހެދުމަށް މަޖްބޫރުކޮށްފި

ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި ދުންފަތް ބޭނުންކުރަން ވަކި ތަނެއް ހެދުމަށް މަޖުބޫރުކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން ނެރުނު ގަވާއިދުގައި ވަނީ މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައެވެ. ނަމަވެސް، ”ސްމޯކިން ރޫމް“ ނުވަތަ ”ސްމޯކިން އޭރިއާ“ ގާއިމްކުރެވޭނެ ބައެއް ތަންތަން އެ އިއުލާނުގައިވެއެވެ.
ސްމޯކިން ރޫމް ގާއިމްކުރުމަށް ހުއްދަ ދީފައިވާ ތަންތަނަކީ، އެއާޕޯޓުތަކާއި ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ ނިޒާމް ހަމަޖައްސާފައިވާ ބަނދަރުތަކާއި، މޯލްތަކާއި، ސައި ހޮޓާރަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް، ދައުލަތުން މީހުން ބަންދުގައި ބައިތިއްބާ ތަންތަން އަދި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނެވެ.
ސްމޯކިން އޭރިއާ އެއް ގާއިމްކުރުމަށް ހުއްދަ ދީފައިވާ އިތުރު ތަނަކީ ކާރިސާއެއްގެ ގެއްލުން ލިބުނު މީހުން ވަގުތީ ގޮތުން ތިބޭ ކޭމްޕް ފަދަ ތަންތަނުގައި އޮންނަ ހާމަ ބިންތައް އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ކޮންމެ އިދާރާއެއްގައި ހުންނަ ހާމަ ބިންތަކެވެ.
މީގެއިތުރުން، މި ތަންތަނުގައި ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާ އެއް ގާއިމްކުރުމަށް ހެލްތު މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެ ކަމަށް އެ މިނިސްޓްރީން އިއުލާނުކުރި ގަވާއިދުގައި ބުނެއެވެ. މިނިސްޓްރީން ހުއްދަ ދޫކުރަނީ 10،000 ރުފިޔާގެ ފީއެއް ވެސް ދެއްކުމުންނެވެ.
ވިޔަފާރިތަކުން ގަވާއިދާ ހިލާފުވާނަމަ އަޅާނެ ފިޔަވަޅުތައް:
ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 3،000ރ. އިން ޖޫރިމަނާކުރުން
ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 5،000ރ. އިން ޖޫރިމަނާކުރުން
ތިންވަނަ ފަހަރުން ފެށިގެން ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަން ޖެހޭ އަދަދު ދެ ގުނައަށް އިތުރުވުން
ތިންވަނަ ފަހަރުން ފެށިގެން، ތަކުރާރުކުރާ ކޮންމެ ދެ ފަހަރަކު ދޫކޮށްފައިވާ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓުން
ލައިސަންސް ހިފަހައްޓާ ފަހަރުތަކުގައި ލައިސަންސް އަލުން ދޫކޮށް ވިޔަފާރިއަށް ހުޅުވޭނީ ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާއެއް ދައްކާ ހަލާސްކުރުމަށް ފަހުގައެވެ.