ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
Holhudhoo boatu adi ah gosfi, gehlunu zuvaanaa adhives nufeney

މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ލ.މާވަށު ”ހޮޅުދޫ ބޯޓު“ އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ ދަންވަރު 02:07 ހާއިރު ބޯޓު އަޑިއަށްގޮސްފައިވާ ކަމަށެވެ. 18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:07 ހާއިރުގައެވެ. މި ބޯޓުގައި އަލިފަންރޯވީ ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފައެވެ.
އަލިފާން ރޯވި ”ހޮޅުދޫ ބޯޓް“ އިން ގެއްލުނު، ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑުން ދަނީ ކުރަމުންނެވެ. ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މާވަށު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، އެންމެ ފުރަތަމަ އަލިފާން ރޯވީ ލައިފްޖެކެޓުތައް ބަހައްޓާފައިހުރި ތަނުގައެވެ. އެހެންކަމުން، އެއްވެސް މީހަކަށް ލައިފްޖެކެޓުތައް ލިބޭ ގޮތެއް ނުވިއެވެ. އަދި ދެ މިނެޓެއްހާ ވަގުތުތެރޭގައި މުޅި ބޯޓަށް އަލިފާންގަނޑު ފެތުރުނު ކަމަށް ”ލާމު އެމްވީ“ އަށް ވަނީ މައުލޫމާތު ލިބިފައެވެ.