މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓުގެ %85 މަސައްކަތް ނިންމައިފި

Maabaidhoogai qaaimkuraa iceplantge 85% masahkai ninmaiffi

ލ. މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ އެކްސް މެދުވެރިކޮށް އެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އައިސްޕްލާންޓްގެ ޑީސެލް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި، ފިނިޝިންގ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން މާބައިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.

މިއީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޮކްޓޯބަރު 2025 ގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. މާބައިދުއަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިކަމުގެ ބޮޑު މަންފާއެއް ކުރާނެ ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments