ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގާތީ، ސަމާލުވުމަށް އެދިއްޖެ
Temu ge namugai online scamthah hingaathee, samaaluvumah edhihje

އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކެއް ހިންގުން އިތުރުވަމުންދާތީވެ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ސްކޭމް މެސެޖްތައް ފޮނުވުން އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތައް:
ފިޝިންގ މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭއްވީ ކަންތައްތައް:
ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން
ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުން
”ޕާރސަލް ލިބިފައި ނުވޭ“ ނުވަތަ ”ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން“ ނުވަތަ ”ވަގުތުން ފިޔަވަޅު އަޅަންޖެހޭ“ ފަދަ ބަސްތަކަށް ސަމާލުވުން
ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން
ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން
އޮންލައިން ވިޔަފާރިކުރާއިރު، ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
އޮންލައިން ޝޮޕިންގ އަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން.
ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން
އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުން
އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުން.
ފުލުހުން ބުނީ އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށާއި އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.