ކޭއޭސީއެލް ފުޓްސަލް ޗެލެންޖް: ފުރަތަމަ މެޗުތަކުން ހޯދި މޮޅާއި އެކު މަފިޓް އަދި ޑްރީމާސް ސެމީ އާއި ގާތަށް !

ކޭއޭސީއެލް އިންޓަރ ޔުނިޓް ފުޓްސަލް ޖެލެންޖް ރޭ ފެށިފައިވާއިރު، ރޭގެ މެޗުތަކުން މޮޅުވީ މަފިޓް އާއި ޑްރީމާސް އެވެ. ރޭ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުން މެޕްސް އެފްސީއާއި ވާދަކޮށް ޑްރީމާސް އިން މެޗު ކާމިޔާބު ކުރީ 2-3 އިންނެވެ.
ރޭ ކުޅުނު މެޗުން ޑްރީމާސް މޮޅުވީ މެޕްސް އެފްސީއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައ ތިން ލަނޑު ޖަހައިގެންނެވެ. މި މެޗުގައި ޑްރީމާސް އަށް ލަނޑުތައް ޖަހައިދިނީ އަބުދުﷲ ފަޔާޒް (ކުޑޭ) އާއި ލިވާން އަނީސް އަލީ (ލީއްކޮ) ގެ އިތުރުން އަހުމަދު ބައްސާމްއެވެ. މެޕްސް އެފްސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރަޝީދު އާއި ޔޫސުފް އަބްދުﷲ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިވާން އާނިސް އަލީ (ލީއްކޮ) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އޮޕަރެޝަން އާއި މަފިޓް އެވެ. މި މެޗު 0-4 އިން ކާމިޔާބު ކުރީ މަފިޓުންނެވެ. ރޭގެ މެޗުގައި މަފިޓަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ހަމީދު އާއި އަބްދުﷲ އާދިލް އަދި އަބްދުﷲ އާސިފްއެވެ. މި މެޗުގައި ހުސެއިން ހަމީދު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ ލަނޑު ޖެހި ހުސެއިން ހަމީދު އެވެ.
މުބާރާތުގައި ފުރަތަމަ މެޗުތަކުން މޮޅުވެ މަފިޓް އަދި ޑްރީމާސް މުބާރާތުގެ ސެމީގެ އުންމީދު ބޮޑުކޮށްފައިވާއިރު، މިރޭ ކުޅޭ މެޗުތަކުން މޮޅުވެގެން މި ދެޓީމަށް ވެސް މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.
މިރޭ 9:00 ގައި މަފިޓް ނުކުންނާނީ ރޭ ޑްރީމާސް އަތުން ބަލިވި މެޕްސް އެފްސީއާއި ދެކޮޅަށެވެ. އަދި ޑްރީމާސް ނުކުންނާނީ ރޭ މަފިޓް އަތުން ބަލިވި އޮޕަރޭޝަންސްއާއި ދެކޮޅަށެވެ.