ކަންމައްޗަށް ވަރުގަދަ ފެށުމެއް، އަފޭންނާއި މުންޑުއަށް މޮޅެއް

Kanmahchah varugadha feshumeh, Afeyn aai Munduah molheh

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި ކަންމަތި ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗު، ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރިއިރު، އަފޭންނާއި މުންޑޫ ވެޓްރަންސް އިން މޮޅެއް ހޯދައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުން ކަންމަތި ވަނީ އަފޭން އަތުން ބަލިވެފައެވެ. އެ މެޗުގައި ކަންމަތި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، ރޭގެ މެޗުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ވަނީ ކުޅެފައެވެ. ރޭ ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް އާ ދެކޮޅަށް ކުޅުނު މެޗުން ކަންމަތި މޮޅުވީ 11-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ކަންމަތިގެ މުހައްމަދު އިމްރާން (އިންމި) ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، އެ ޓީމުގެ މުހައްމަދު ޝާއިރު އާއި އިބްރާހިމް ފުރްގާން ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މައުރޫފް އަލީ އާއި އަހުމަދު ހުސައިން އަދި ހުސައިން އަފީފް (އައްޖާ) ލަނޑު ޖެހިއިރު، ސީއޭސީގެ މުހައްމަދު ފަޔާޒް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ސީއޭސީގެ އިބްރާހިމް މުހައްމަދު ދެ ލަނޑު ޖެހިއިރު، އަލީ އިހުސާން ވަނީ އެއް ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަންމަތިގެ ފުރްގާން އެވެ.

މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ، އެންމެ ފަހުގެ ޗެމްޕިއަން އަފޭންނުން ވަނީ ރޭގެ މެޗުގައިވެސް ފެންވަރު ދައްކާލާފައެވެ. ރޭ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާ ދެކޮޅަށް ކުޅެ، އަފޭންނުން ވަނީ 15-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އަފޭންގެ މުހައްމަދު ލިޔާހު އާއި މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އިސްމާއިލް ފަޒާލް ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ އިބްރާހިމް އަސްވަދު (ގަބޭ)، އަހުމަދު ގިތުރީޒް އަދި ހަސަން ތޮލާގު އެވެ. ޖީސީއާރުސީގެ ލަނޑުތައް ޖެހީ އަލީ ޔޫސުފް (އައިޑީ)، އިބްރާހިމް ފަސާހު އަދި ފަހުދު އަދުނާން (ފަހުއްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފޭންގެ ފާއްޓޭ އެވެ.

އަފޭންނާއި ޖީސީއާރުސީ ބައްދަލުކުރި މެޗުގެ ތެރެއިން

ރޭގެ ފަހު މެޗުގައި މުންޑޫ ވެޓްރަންސް އިން ވަނީ 7-2 ގެ ނަތީޖާއަކުން ކިންގް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، މުންޑޫ ޓީމުގެ އިބްރާހިމް ޝަފްލާޒް (ޝަފްލޭ) ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މީގެއިތުރުން، އަލީ ޝާފިއު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަހުމަދު އަބްދުއް ޝުކޫރު އާއި ހަސަން މުރުތަލޯ އެވެ. ކިންގުގެ އަބްދުﷲ އަޖީތު ލަނޑެއް ޖެހިއިރު، މުންޑޫ ޓީމުގެ ޝާފިއު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މުންޑުއާއި ކިންގް ބައްދަލުކުރި މެޗުގެ ތެރެއިން

މިރޭގެ ފުރަތަމަ މެޗުގައި ރަސްހިންނެ ސްޕޯޓްސް ކްލަބް ނިކުންނާނީ މާމެންދޫ ޔުނައިޓެޑާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މުންޑޫ ބައްދަލުކުރަނީ ކަންމައްޗާއެވެ. އަދި ފަހު މެޗުގައި ސީއޭސީ ނިކުންނާނީ ކިންގާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments