އަޑިއަށްދިޔަ “އޯޝަން އެކްސްޕްރެސް” ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
Adiyah diya "Ocean Express" boat gai huri baeh saamaanu oyaa dhaathy dhathuruverin samaaluvumah ilthimaaskohfi

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ރޭ އަޑިއަށްދިޔަ “އޯޝަން އެކްސްޕްރެސް” ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރައް ފަރާތްތަކުން ސަމާލުކަން ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ކ.ރިހިވެލި ކަނޑުއޮޅި ކައިރިން ބޯޓު އަޑިއަށް ގޮސްފައިވަނީ ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވުމުގެ ސަބަބުންނެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބޯޓުގައި ދަތުރުކުރި ހުރިހައި މީހުން ސަލާމަތްކޮށް، މާލެ ގެންގޮސްފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. މިއަދު އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، އެ ބޯޓުގައި ހުރި ބައެއް މުދާ އޮޔާދާނެ ކަމަށް ލަފާކުރެވެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކޮންމެހެން ކުރަން ޖެހޭ ދަތުރެެއް ނޫނީ ނުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.