ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލަށް ފޮނަދޫ ކައުންސިލުން ތާއީދުކޮށްފި
Laamarukazee gaanoonah badhalu genaumah hushahelhi bill ah fonadhoo council in thaaeedhu kohfi

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތަން ހުށަހެޅި ބިލަށް ފޮނަދޫ ކައުންސިލުން ތާއިދުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލާ ގުޅޭގޮތުން ފޮނަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އިސްލާހުތަކަކީ މިވަގުތު ރާއްޖޭގެ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު މިހިނދަށް ގާނޫނަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަކެއް ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނީ މި އިސްލާހުތަކުގެ ސަބަބުން، ލާމަރުކަޒީ ގާނޫނު ހަމަހަމަކާއިއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް އެކުލަވާލެވިފައިވާ ގާނޫނަކަށް ވީހިނދު، ވަކިބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދައިދެވޭނެގޮތަށް ހުރި ކަންކަމަށް ބަދަލު ގެނޭވެނެ ކަމަށެވެ.
ފޮނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މާލީ މިނިވަންކަން ލާމަރުކަޒު ކުރެވި ފުޅާވެގެންދާއިރު، ސެންޓްރަލީ މޮނިޓަރ ކުރެވޭނެ ނިޒާމަކަށް ގާނޫނުތަކަށް ބަދަލު ގެނެވި އުސޫލުތައް އެކަށައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. ހަމަމިއާއެކު، މިގޮތުން ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަށް އެއްވެސް މިންވަރެއްގައި ހުރަސް އެޅިގެން ހިނގައިދާނެ ފަދަ ކަންކަން ހުރިކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިގެނެވޭ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތައް ޒިންމާދާރުވެ، ހަރުދަނާވުމުގެ އިތުރުން ކައުންސިލް ތަކަކީ މިހާރަށްވުރެ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ވާނެކަމަށް ފޮނަދޫ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ. ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.