އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އިސްލާހުކުރަނީ!

Atoll council thah uvaalan gaanoonu islaahu kuranee!

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމަށް މިއަންނަ ކައުންސިލް އިންތިހާބުގެ ކުރިން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ހާއްސަ ދަތުރުފުޅުގެ ތެރެއިން އއ އަތޮޅަށް ކުރެއްވިި ދަތުރުފުޅުގައެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމަނާފައިވާ ބޭކާރު ފަށަލައެއް ކަމަށެވެ.

“ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ”. ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވައިލެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަމަކީ ޒިންމާދާރު ކުރުވާ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. ކައުންސިލަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ބާރު މިނުގައި ކައުންސިލްގެ އަތުގައި ހިފައިގެން މި ސަރުކާރުން ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމަމިއާއެކު ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ސީދާ ރަށު ކައުންސިލްތައް މަސައްކަތް ކުރާނީ ވުޒާރާތަކާ ގުޅިގެން ކަމަށެވެ. އަދި ކުދި އާބާދީގެ ރަށްތަކުގެ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާ އިސްލާހެއް ހުށަހަޅުއްވާނޭ ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނާނޭ ކަން ރައީސް ވަނީ އިއުލާނުކުރައްވާފައެެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments