މިދިޔަ 30 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް 2 ބިލިއަން ޑޮލަރު ދޫކޮށްފި: ވަޒީރު ސަޢީދު

Midhiya 30 massdhuvahu BML medhuverikoh 2 billion Dollar dhookohffi: Vazeeru Saeed

މިދިޔަ 30 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް 2 ބިލިއަން ޑޮލަރު ދޫކޮށްފި: ވަޒީރު ސަޢީދު

މިދިޔަ 30 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކިއެކި ބޭނުންތަކަށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ’އަހާ‘ ފޯރަމްގައި ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ޑޮލަރަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ދާދިފަހުން އެމްއެމްއޭގެ އެކްސްޗޭންޖް ޤަވާއިދަށް ގެނައި ބަދަލުތަކާއެކު، ކުރިން 20 އިންސައްތައިގައި އޮތް މާރުކުރުން 40 އިންސައްތައަށް ބޮޑުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ފުރިހަމަ ނަތީޖާ މި ހިނގާ މަހުގެ 25 އިން ފެށިގެން ފެނިގެންދާނެ ކަމަށާއި، މީގެ ކުރިން 20 އިންސައްތަ މާރުކުރަން ފެށިފަހުންވެސް އެދެވޭ ހެޔޮ ބަދަލުތަކެއް ފެނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރި ޑޮލަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 2022 ވަނަ އަހަރު ރަސްމީ ރޭޓުގައި 130 މިލިއަން ޑޮލަރު އަދި 2023 ވަނަ އަހަރު 122 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް 213 މިލިއަން ޑޮލަރު ޓީޓީއަށް ދޫކޮށްފައިވާ ކަމަށެވެ. މީގެކުރިން މަހެއްގެ މައްޗަށް ޓީޓީއަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، މިހާރު މަހަކު 27 މިލިއަން ޑޮލަރު ދޫކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ކާޑު މުއާމަލާތްތަކަށް ބަލާއިރު، 2022 ވަނަ އަހަރު ބީއެމްއެލްއިން 161 މިލިއަން ޑޮލަރު ދޫކުރިއިރު، މިއަހަރު އެ އަދަދު ވަނީ 304 މިލިއަން ޑޮލަރަށް އަރާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ”2021 އިން 2026 އާއި ހަމައަށް ޖުމްލަ ބޭންކް މެދުވެރިކޮށް 3 ބިލިޔަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައި ހުރިއިރުގައި 2024 އިން ފެށިގެން މިދިޔަ ގާތްގަނޑަކަށް 30 މަސްދުވަހުގެ ތެރޭގައި އެކަނި ގާތަގަނޑަކަށް 2 ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައި އެބަހުރި. މިއީ ގާތްގަނޑަކަށް ބަލައިފިކަމަށްވަންޏާ %63 އިތުރުވުމެއް ޓީޓީ ހެދުމުގައިވެސް އަދި ޑޮލަރު ރިކުއަޔަމަންޓަށް ބެލިއަސް.“ ކަމަށެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށާއި، ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށްވެސް ރަސްމީ ރޭޓުގައި ބީއެމްއެލްއިން ޑޮލަރު ދޫކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދެއްކި އެންމެ ބޮޑު ދަރަނި ކަމަށްވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އަދާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ސަޢީދު ނިންމަވާލައްވަމުން ވިދާޅުވީ، އެމްއެމްއޭއާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ޑޮލަރުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted