ޕެންޝަން ލިބޭ އުސޫލު އެއް ހަމަކޮށް، ޕެންޝަން ލިބޭ މީހަކު ވަޒީފާއަށް ނުކުތުމުން ޕެންޝަން މެދުކަނޑާލަނީ
Pension Libey Usoolu Eh Hama Koh, Pension Libey Meehaku Vazeefaa Ah Nukuthumun Pension Medhukandaalanee

ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބޭ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ޕެންޝަން ލިބޭ މީހަކު ވަޒީފާއަށް ނިކުތުމުން ޕެންޝަން މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިސްލާހު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“އެކްސް: ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންކަމަށެވެ.
“އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާ ވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ،”. ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔާތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރާއްޖެގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މިހާރު ދައުލަތުން ގެންދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ. އެގޮތުން ރައީސް ކަމުގެ އެއް ދައުރު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ ދޭންޖެހެއެވެ. އަދި އެެއް ދައުރަށްވުރެ ގިނަ ނަމަ 75،000 ދޭންޖެހެއެވެ. މީގެ އިތުރުން އެފަރާތްތަކުން ދިރިއުޅުންވާ ތަނަކަށް ހިނގާ ހަރަދުތަކަށް 50،000 ރުފިޔާ އާ ހަމައަށް ދޭން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށް ބަލާއިރު، އެއް ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި ކުރިން ލިބުނު މުސާރައިގެ 30% ދޭން ޖެހެއެވެ. އަދި ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރުންނަށް މާލީ އިނާޔާތުގެ ގޮތުގައި ކުރިން ލިބުނު މުސާރައިގެ 45% ދޭން ޖެހެއެވެ. އެހެންނަމަވެސް އެފަރާތްތަކުން ސަރުކާރުގެ ވަޒީފާއެއް އަދާކުރަނަމަ މި އިނާޔާތެއް ނުލިބެއެވެ.