ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ފުރިހަމަ ރެކޯޑަކާއެކު ޗެމްޕިއަންކަން އަފޭންނަށް
Fonadhoo Council Futsal Tournament: Furihama record akaa eku championkan Afeynnah

ހައްދުންމަތީ ފޮނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ފޮނަދޫ ކައުންސިލް ހަތްވަނަ ފުޓްސަލް ޓޯނަމެންޓުގެ ފައިނަލުގައި 5-2 ގެ ނަތީޖާއަކުން ހޭޅި ބަލިކޮށް، އަފޭންނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
އަފޭންނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެގެނެވެ. އެ ޓީމުން ވަނީ މުބާރާތުގައި ކުޅުނު ހަ މެޗުން 63 ލަނޑު ޖަހާފައެވެ. ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ.
މުބާރާތުގެ ފައިނަލަށް އަފޭން ދަތުރުކުރީ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ލެކްރޯސް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. އަދި ހޭޅިން ވަނީ ސެމީ ގައި 1-0 ގެ ނަތީޖާއަކުން ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) ބަލިކޮށްފައެވެ.
ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ހޭޅިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ލޫތު ބިން ވަސީމް ޔޫސުފް އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން އިސްމާއިލް އަފާޒް ވަނީ ލަނޑު ޖަހައި އަފޭންނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަފޭންނުން ވަނީ އިތުރު ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ހައްޔާން ޝަރީފް ދެ ލަނޑު ޖެހިއިރު، ހޭޅިގެ އިބްރާހިމް ވިކާޝް އަހުމަދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 26 ވަނަ މިނެޓުގައި އަލީ ފަރުހާން ވަނީ އަފޭންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ހޭޅިގެ ދެވަނަ ލަނޑު ޖެހީ މުހައްމަދު ނައުފަލް ނަސީރެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ ހައްޔާން އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަފޭންގެ އަލީ ފަރުހާން އާއި އަފާޒް އަދި އަބްދުﷲ ނާފިޒްގެ އިތުރުން ހޭޅިގެ ނައުފަލް އާއި ލެކްރޯސް އެސްސީގެ ރިލްވާން ރަޝީދެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފާޒް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަލީ ފަރުހާން އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޭޅިގެ ލޫތު ބިން ވަސީމް ޔޫސުފް ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ބައްރު ކްލަބެވެ.