މައިންގެ ކިބައިން ބަނޑުގައިވާ ދަރިއަށް ފެތުރޭ އެޗްއައިވީ، ސިފިލިސް، ހެޕަޓައިޓިސް ބީ ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ
Mainge Kibain Bandugaivaa Dhariah Fethurey HIV, Syphilis, Hepatitis B Nahthaali Furathama Gaumakah Raajje

މާބަނޑު އަންހެނުންގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތުވުން ހުއްޓުވައި “ޓްރިޕްލް އެލިމިނޭޓް” ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
ޑަބްލިއުއެޗްއޯ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގައި މާބަނޑު އަންހުނުންގެ ފަރާތުން ދަރިންނަށް ހެޕަޓައިޓިސް ބީ ވާރުތަވުން ހުއްޓުވާފައި ވާކަމަށާއި އަދި ދިވެހިރާއްޖެ އިން ދަނީ މާބަނޑު އަންހެނުންގެ ފަރާތުން އެޗްއައިވީ އަދި ސިފިލިސް 2019 ވަނަ އަހަރުން ފެށިގެން ވާރުތަވުން ހުއްޓުވައި އަދި އެކަން ދަމަހައްޓަމުން ދާ ކަމަށް ބުނެފައެވެ. ހެޕަޓައިޓިސް ބީ ހުއްޓުވިކަން އެ ޖަމިއްޔާއިން ބަލައިގަތުމާއެކު “ޓްރިޕްލް އެލިމިނޭޝަން” ހާސިލް ކުރި ފުރަތަމަ ގައުމަށް ދިވެހިރާއްޖެ ވެފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.
އެ ކާމިޔާބީއާއި ގުޅިގެން ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ތާރީހީ ކާމިޔާބީއެއްގެ އިތުރުން ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މިކަމަށްޓަކައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުނުންށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ކާމިޔާބީއެއް ހާސިލް ކުރެވުނީ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ހީވާގި މަސައްކަތުން ކަމަށެވެ.
ރާއްޖެއިންވަނީ މީގެ ކުރިން، މެލޭރިއާ، ހިމަބިހި އަދި ލިންފަޓިކް ފައިލޭރިއާ ފަދަ ނުރައްކާތެރި ބަލިތައް ނައްތާލާފައެވެ.




