އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި
Ikhthiraam adhaakurumuge qaumee mashroouge logo faruma kurumah hulhuvaalaifi

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ސަރުކާރުން ކުރިއަށްގެންދާ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ ”އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ“ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާއި، ދިވެހި މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރުމުގެ އިތުރުން ޗާޕުކުރެވޭ އެކި ވަސީލަތްތަކާއި އިލެކްޓްރޯނިކް މީޑިއާ އަދި އެނިމޭޝަންތަކުގައި ބޭނުންކުރަން ފަސޭހަ ޑިޒައިނަކަށް ވާންޖެހޭނެއެވެ. ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
އެންމެ މޮޅު ލޯގޯއަކަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މާކްސް ދިނުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ކޮލިޓީ އަދި ޓެކްނިކަލް ފެންވަރަށް 30 މާކްސް، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމަށް 20 މާކްސް، ދިވެހިވަންތަކަމަށް 20 މާކްސް އަދި އިޙުތިރާމު އަދާކުރުން ރަމްޒުކޮށްދޭ މިންވަރަށް މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ޤައުމީ މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި މީޑިއާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. މިގޮތުން ވުޒާރާގެ ފަރާތުން ވަޒީރު ހީނާ ވަލީދު އަދި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން އިތުރު 16 މީޑިއާއަކާއެކުވެސް ވަނީ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއީ ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންނާއި މީޑިއާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ހިންގޭ ވަރަށް މާތް މަޤުޞަދެއް އޮތް މަޝްރޫޢެއް ކަމަށެވެ. އަދި ޕީއެސްއެމްގެ އެމްޑީ އަޙްމަދު ޝަކީބު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ މެދުގައި އޮތް ހިތްހެޔޮކަމާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަތައް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ވިލަރެސްކުރުމަށްޓަކައި ފަންނީ 9 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.




