މަސްތުވާތަކެއްޗާއެކު ލާމު އަތޮޅުން ދެމީހުން ހައްރުކޮށްފި
Masthuvaa thakehchaaeku laamu atoll in dhemyhun hayyaru kohfi

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ. ދަނބިދުއާއި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ބުނީ ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހާއްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 5.39 ގުރާމް) އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމް (60އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މަސްތުވާތަކެއްޗާއެކު ދެން ހައްޔަރުކޮށްފައިވަނީ، ލ. މުންޑޫ / ހީނާވިލާ، އަޙްމަދު ޝަފީޤް (55އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ފުލުހުން ބުނީ ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ.މި ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޝަފީޤް (55އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




