ސިނގިރޭޓް ވައްކަން: 19 މީހުން ފުރުން މަނާކޮށް 5 އުޅަނދެއް ބަލައި ފާސްކޮށްފި
Cigarette vahkan: 19 meehun furun manaankoh 5 ulhandheh balaa faaskohfi

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ދެ ސިނގިރޭޓު ކޮންޓެއިނަރުގެ މައްސަލައިގައޮ މިހާތަނަށް 19 މީހަކު ފުރުން މަނާކޮށް، 5 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންް ބުނެފިއެވެ.
ފުލުހުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް9 މީހަކު ހައްޔަރުކޮށް، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން، ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ. އަނެއް 2 މީހުންގެ ބަންދާއި މދު ގޮތެއް ނިންމުމަށް މިމަހުގެ 1 ވަނަ ދުވަހު ކޯޓަށް ގެންދިއުމުން، އެދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެމީހުންނަކީ ހުސައިން ސާމިހު އާއި އަހުމަދު ޝަހީމްއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ވެސް ހިމެނެއެވެ. އަދި ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން ވެސް ހިމެނެއެވެ.
ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ، މި ދެ ކޮންޓެއިނަރާއި އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހުގައި ކަމަށެވެ. އަދި ވަގަށް ނެގި ދެ ކޮންޓެއިނަރު ނަގައިގެން ގޮސް، ބަދަލުގައި ބެހެއްޓި ކޮންޓެއިނަރު އެމްޕީއެލް ޓާރމިނަލްގައި ދޯންޏެއްގައި ގޮސް ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން، ވައްކަމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީވެސް ބަދަލުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ފުލުހުން ބުނީ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިގެން، ދޯންޏަކަށް ލައިގެން ތިލަފުއްޓަށް ގެންގޮސް،ތިލަފުށީގައި ބަހައްޓައިގެން ހަލާކުކޮށް، ކޮންޓެއިނަރުގެ ބައިތަކެއް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ހޯދާފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި ވައްކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގާފައިވާ ސިނގިރޭޓްއާ ގުޅޭ އެއްވެސް މައުލޫމާތެއް، އަދި ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާދާއިރާއެއްގައި ސިނގިރޭޓް ވިޔަފާރި ކުރާ އެެއްވެސް ފަރާތްތަކުގެ މައުލޫމާތެއް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަމްބަރު 9911099 އަކަށް ގުޅުމަށެވެ.




