އިސްދޫ ސެމީ އަށް، ގަމަށް ފުރަަތަމަ މޮޅު!
Isdhoo semi ah, Gamah furathama molhu!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖެގެ ލ. އަތޮޅު ސެމީ ފައިނަލުން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އިސްދޫ ޖާގަ ހޯދިއިރު، ގަމުން ސެމީގެ އުންމީދު އާކޮށްފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން އިސްދޫ ޖާގަ ހޯދީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި އިސްދޫ އިން ވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާ އަކުން ގަން ބަލިކޮށްފަ އެވެ.
ރޭ އިސްދޫ އިން ކުޅުނު ދެވަނަ މެޗުގައި ލ. ފޮނަދޫ އަތުން ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ހަތްވަނަ މިނިޓްގައި އިސްދޫ އަށް ލީޑު ނަގައިދިނީ ލޫތު އަހުމަދު ފަތުހީ ޖަހައިދިން ގޯލުންނެވެ. މެޗުގައި އިސްދޫ އިން ޖެހި ފަހު ދެ ގޯލު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. އިސްދޫގެ ދެވަނަ ގޯލު ކެޕްޓަން އަލީ މީސާގު އީސާ ޖަހައިދިން އިރު، ފަހު ލަނޑު ޖަހައިދިނީ އަލީ އަޝްހަމް އެވެ.
މީގެ އިތުރުން މި ގްރޫޕްގައި ލ. ގަމުން ކުޅުނު ދެވަނަ މެޗުގައި ލ. ދަނބިދޫގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ވަަރަށް ކުރީކޮޅު، ގަމުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓްގައި ގަމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މިއީ އަލީ ޝާމިސް (ތޮއްޕޭ) ހުރަސްކޮށްލި ބޯޅައެއް ދަނބިދޫގެ މުހައްމަދު ސާމިލް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
މީގެ އިތުރުން ލ. ކުނަހަންދޫގެ މައްޗަށް ކަލައިދޫ އިން ވަނީ 2-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. މި މެޗުގައި ކަލައިދޫގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ނާއިލް އަދި އަހުމަދު ފަރީޝް އެވެ. ކުނަހަންދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު މާއިޝް އެވެ.
މީގެ އިތުރުން ލ. މާވަށުގެ މައްޗަށް މުންޑޫ އިން ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި މުންޑޫގެ ހުސެއިން ލަޔާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަދި ހަމްދޫން އަހުމަދު އާއި ހުސެއިން ނިޝާފް ވަނީ ގޯލެއް ޖަހައިފަ އެވެ.
މާވަށުގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ފަޒީލް އެވެ.



