އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފީނިކްސް އިން ހޯދައިފި

ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފީނިކްސް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ފީނިކްސް އިން ޗެމްޕިއަންކަން ހޯދާފައިވަނީ އަންގާރަ ދުވަހުގެރޭ ކުޅެވުނު ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ޑީޑީއެފް ގާލްސް ޖެނެރޭޝަން ބަލިކުރުމަށްފަހު އެވެ. މެޗުގެ ހުރިހާ ސެޓެއްވެސް ވަނީ ވަރަށް ވާދަވެރި ވެފައެވެ. އެގޮތުން، ބޮޑު ތަފާތަކާއެކު އެއްވެސް ޓީމަކަށް އެއްވެސް ސެޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑީޑީއެފް އެވެ. ނަމަވެސް، ފީނިކްސް އިން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-22، 25-21 އަދި 25-20 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފީނިކްސްގެ މަރިޔަމް އަޒީފާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީޑީއެފް ގާލްސް ޖެނެރޭޝަންގެ އައިޝަތު ރީމާ އެވެ. ރީމާގެ އިތުރުން، މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެ ޓީމުގެ އާމިނަތު އަބޫބަކުރާއި، ފީނިކްސްގެ އައިޝަތު ނީރާ އާއި އައިޝަތު ސަނާ އާއި އައިޝަތު ސަތުމާ އަދި ސްޓާލިޓްގެ ހައްވާ ފިއުރީން އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފީނިކްސްގެ މުހައްމަދު އަހުމަދެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ސްޓާލިޓް ހޮވިފައިވާއިރު، ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑީޑީއެފް ގާލްސް ޖެނެރޭޝަންގެ ހައްވާ ސައުސަން އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން ޑިވިޝަނުގެ ފަސް ޓީމާއި ފިރިހެން ޑިވިޝަނުގެ ތިން ޓީމެވެ. ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ސިޓިޒެން ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments