ޑެންގީ ހުން އިތުރުވަމުންދާތީވެ، ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

Dengue hun ithuruvamundhaatheeve, samaaluvumah HPA in ilthimaas kohfi

ރާއްޖޭގެ އެކި ހިސާބުތަކުުން ޑެންގީ ޖެހިގެން، ރިޕޯޓްކިރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވަމުންދާތީވެ، އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ، ޗިކުންގުންޏާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި ( ހާއްސަކޮށް އޭޕްރީލް އިން ޖުލައި އަށް) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި  ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.މިގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ، ފަރުވާ ފޯޜުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ފޮލޯ- އަޕް ކުރުމާއި ރަށުގައި ބަލި އެޅޭ މިންވަރު ގާތުން މޮނިޓަރ ކޮށް، އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެކުލަވައިލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ހަމަމިއާއެކު ސްކޫލްްތަކުގައި ވެސް ކޮންމެ ހަފުތާއަކު އެއް ފަހަރު ސްކޫލް ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންނަތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓްތައް އަދި އިންޑަސްޓްރިއަލް ރަށްތަކުންވެސް،ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.ންފުނިތަކާއި ޖަމާއަތްތަކުން ވެސް މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މި މަސައްކަތްކުރުމަށް ރައްޔިތުންނަށް  އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އެޗްޕީއޭ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީޑިއާތަކުން ވެސް ކަމާއިބެހޭ އިދާރާތަކުން ހިއްސާ ކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތުތައް ފެރުތުމަށާއި، ރައްޔިތުން ހޭލުންތެރިކުުރުމަށް މަސައްކަތްކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އަދި އާންމު ފަރުދުން ވެސް ޑެންގީއަށް ސަމާލުވެ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް  އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments