ދަފްތަރުގައި މައުލޫމާތު އަދާހަމަނުކުރާ މީޑިއާތަކަށް ފިޔަވަޅު އަޅަނީ؛ 6 މަސް ދުވަހުގެ މުހުލަތެއް!
Dhaftharugai mauloomaathu adhaa hama nukuraa media thakah fiyavalhu alnaee; 6 mas dhuvahuge muhulatheh!
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންގެ މައުލޫމާތު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ދަފްތަރުގައި އަދާހަމަކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި ނިންމުމަކީ ރާއްޖޭގެ މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހިންގަމުންދާ މީޑިއާތަކުގެ ސައްހަ މައުލޫމާތު ކޮމިޝަނަށް ލިބިފައި އޮތުމުގެ މުހިންމުކަން ބޮޑުވުމުން ނިންމި ނިންމުމެއް ކަމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.
މީޑިއާ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގައި، މި މުހުލަތުގެ ތެރޭގައި މީޑިއާތަކުން ދަފްތަރުގައި ހިމަނަންޖެހޭ މައިގަނޑު މައުލޫމާތުތަކުގެ ތެރޭގައި، މީޑިއާ ހިންގާ ކުންފުނީގެ ނުވަތަ ފަރާތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތާއި، އެޑިޓަރުންނާއި ނޫސްވެރިންގެ މަގާމުތަކަށް އައިސްފައިވާ ބަދަލުތައް ހިމެނެއެވެ. މީގެ އިތުރުން، މީޑިއާ ހިންގާ އޮފީހުގެ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރުތަކުގެ އިތުރުން، އެ މީޑިއާއެއްގެ ސިޔާސަތުތަކަށް ނުވަތަ ކޮންޓެންޓް ގެނެސްދޭ ގޮތަށް އައިސްފައިވާ ބޮޑެތި ބަދަލުތައްވެސް މި މުއްދަތުގެ ތެރޭގައި ހުށަހަޅައި ނިންމަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީޑިއާ ކޮމިޝަނުން މިހާރު ވަނީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި، އެފަދަ ތަންތަން ހިންގައި ހިދުމަތް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ހާއްސަ ގަވާއިދެއް އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް މައިގަނޑު ހަތަރު ގިންތިއަކަށް ބަހާލާފައިވެއެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓަރ، އަދި ޖާނަލް އެވެ. މީގެ އިތުރުން، މި ހަތަރު ބާވަތުގެ މީޑިއާ ހިންގިދާނެ އެކި ވަސީލަތްތަކާއި މަންސަތައްވެސް ގަވާއިދުގައި ވަނީ ހިމަނާފައެވެ.
ނޫސް މަޖައްލާގެ ހިދުމަތް ދިނުމުގައި ބޭނުންކުރެވޭނެ ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް މީޑިއާއާއި، ވެބްސައިޓް ތަކުގެ އިތުރުން ސޯޝަލް މީޑިއާ މަންސަތަކާއި، އެޕްލިކޭޝަން ތައް އަދި އިލެކްޓްރޯނިކް މީޑިއާ ހިމެނޭކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން، ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކަށް ކޮމިޝަނުން ޖަވާބު ދޭންވާނެއެވެ. އަދި ރަޖިސްޓްރީ ކުރުމަށް އެދޭއިރު، އެ މީޑިއާއެއްގެ އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ކަނޑައަޅާފައި ހުންނަންޖެހޭނެ ކަމަށާއި، އެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ވެސް މި ގަވާއިދުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
އައު ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން ރަޖިސްޓްރީ އައު ކުރަންޖެހޭއިރު، ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެކަމަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެއްވެސް ނޫސް މަޖައްލާއެއް ޝާއިއުކުރުން ހުއްޓާލާފައި އޮންނަތާ 12 މަސް ވެއްޖެނަމަ، އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލްވާނެއެވެ.
ރާއްޖޭގެ މީޑިއާގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އުފެއްދުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއީ މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އެއް މުއައްސަސާއެއް ކަނޑައެޅުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.




