ޓީމޫ އަދި ޝެއިން ފަދަ ސައިޓުތަކުން ކުރެވޭ މުއާމަލާތްތަކަށް ބީއެމްއެލްއިން ލިމިޓެއް ކަނޑައަޅައިފި
Temu adhi shein in kurevey muaamalaaiy thakah BML in limit eh kanda alhaifi

ޓީމޫ އަދި ޝެއިން ފަދަ ސައިޓުތަކުން ކުރެވޭ މުއާމަލާތްތަކަށް ބީއެމްއެލްއިން، މަހެއްގެ މައްޗަށް ކުރެވޭނެ މުއާމަލާތުގެ އަދަދު 30 އަށް ލިމިޓްކުރުމަށް ނިންމައިފިއެވެ.ބޭންކުން މި ބަދަލު ގެނައީ، އާންމު ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށް ދޫކޮށްފައިވާ ޑޮލަރު ލިމިޓް ބޭނުންކޮށްގެން، ބައެއް ފަރާތްތަކުން ވިޔަފާރި އުސޫލުން ގިނަ އަދަދެއްގެ މުދާ އޯޑަރުކުރަމުންދާތީއެވެ. މިކަމުގެ ސަބަބުން ބޭންކުގެ ޑޮލަރުގެ ރިޒާވަށް ބޮޑު ޕްރެޝަރެއް ކުރިމަތިވަމުންދާ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މި އާ އުސޫލުގެ ދަށުން، ކާޑުތަކަށް ކަނޑައެޅިފައިވާ މަހު ޑޮލަރު ލިމިޓަށް (މިސާލަކަށް 250 ޑޮލަރު) އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، އެ ލިމިޓްގެ ތެރެއިން، ޓީމޫ އަދި ޝެއިން ފަދަ ސައިޓްތަކުން މަހެއްގެ މައްޗަށް ކުރެވޭނީ ގިނަވެގެން 30 މުއާމަލާތް) އެވެ.
ބޭންކުން ބުނި ގޮތުގައި، މިއީ ޑޮލަރުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، ލިބެންހުރި ބޭރު ފައިސާ އެންމެ ބޭނުންޖެހިފައިވާ ޒަރޫރީ ކަންކަމަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދިނުމުގެ ގޮތުން “ސްޓޫޑަންޓް ކާޑު” އެއް ތައާރަފްކުރަން ނިންމާފައިވާއިރު، އެ ކާޑުތަކަށް މިހާރަށްވުރެ މަތީ ޑޮލަރު ލިމިޓެއް ލިބިގެންދާނެއެވެ. ބޭންކުން ވަނީ ކާޑު ބޭރަށް ފޮނުވައިގެން ޑޮލަރު ނެގުން ހުއްޓުވުމަށްޓަކައި، ކަސްޓަމަރު އަމަލީގޮތުން ރާއްޖޭން ބޭރުގައި ހުރިނަމަ ނޫނީ ބޭރުގެ އޭޓީއެމްތަކާއި ފިހާރަތަކުގައި ކާޑު ބޭނުންނުކުރެވޭ ގޮތަށްވެސް ހަމަޖައްސާފައެވެ.
މި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހުނީ ވޭތުވެދިޔަ ހަތަރު މަސްދުވަހު ބޭންކަށް ވަން ބޭރު ފައިސާގެ މިންވަރު 100 މިލިއަން ޑޮލަރު މަދުވުމާ ގުޅިގެން، ލިބެންހުރި ޑޮލަރު ބޭސްފަރުވާއާއި ތައުލީމު ފަދަ ޒަރޫރީ ކަންކަމަށް އިސްކަންދީގެން ފޯރުކޮށްދިނުމަށް ކަމަށް ބޭންކުން ބުނެއެވެ.




