އިސްދޫގެ ޒަމާންވީ ’ބޭސް ކުޅި‘ އަށް ދެވޭނެ މަގެއް ކެނޑުމުގެ މަސައްކަތް ފަށަނީ

Isdhooge zamaanvee ‘Beys Kulhi’ ah dheveyne mageh kendumuge masakkai fashanee

އިސްދޫގައި އޮންނަ ތާރީޚީ އަދި ގުދުރަތީ ގޮތުން ޚާއްޞަ ސަރަހައްދެއް ކަމަށްވާ ”ބޭސް ކުޅި“ އަށް ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ދެވޭނެ މަގެއް ކެނޑުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށާނެ ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މެމްބަރު އިސްމާއީލް ޝަފީއު މިކަން ހާމަކުރެއްވީ، އިސްދޫ ކައުންސިލާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނާއެކު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތަކަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްމާއީލް ޝަފީއު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރަށުގެ އެންމެންނަށްވެސް އެ ސަރަހައްދަށް ދެވޭނެ ގޮތަށް މަގެއް ކެނޑުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްދޫ ކައުންސިލާއި، އެމް.ޓީ.ސީ.ސީ (MTCC) އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެންނެވެ.

މި ސަރަހައްދުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، ”ބޭސް ކުޅި“ އަކީ ކުޑައިރުއްސުރެ އަޑުއަހަމުން އައި ވާހަކައެއް ކަމަށާއި، ނަމަވެސް އެތަން ބަލާލަން ކިތަންމެ ބޭނުންވި ނަމަވެސް މީގެ ކުރިން އެތަނަށް ވަދެވޭނެ ގޮތެއް ނެތް ކަމަށެވެ.

”މި ސަރަހައްދަށް ދިއުމުން އެނގިގެން ދިޔައީ މި ސަރަހައްދަކީ ތަފާތު އެތަކެއް ކަމެއް މިތަނުގައި އެކުލެވިގެންވާ ގުދުރަތީ މުއްސަނދިކަމެއް ލިބިގެންވާ، އިސްދޫގެ ތާރީޚުވެސް އެ ސަރަހައްދަކުން ފެންނަން ހުރި ތަނެއްކަން،“ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

މި ކަމަކީ އިސްދޫގެ ތާރީޚީ އަދި ގުދުރަތީ ރީތިކަން އާންމުންނަށް ހުޅުވާލައި، ރަށުގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލުކުރައްވާކަމަށްވެސް އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments