Vathanee khidhumathuge furathama batch ge zuvaanun sifainge asaasee thamreen furihamakohffi
Vathanee Hidhimathuge furathama batchge zuvaanun sifainge asaasee thamreenu furihamakoffi

ސަރުކާރުން އަލަށް ތަޢާރަފުކުރި ”ދިވެހި ވަޠަނީ ޚިދުމަތް“ (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ އިނީޝަލް ތަމްރީނުތަކަށްފަހު، ސިފައިންގެ ޚިދުމަތާ ގުޅުނު ފުރަތަމަ ބެޗުގެ ޒުވާނުން 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. މިއީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތުގެ ދަށުން ހޯދުނު ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަށްފަހު އެކިއެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ހުޅުވާލުމުން، އޭގެ ތެރެއިން ސިފައިންގެ ޚިދުމަތް އިޚްތިޔާރުކުރި މި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ އާއި އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ. ޚާއްޞަކޮށް ކޯހުން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންގެ ކާމިޔާބީ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޤައުމީ ޚިދުމަތަށް އަބަދުވެސް ތައްޔާރަށް ތިބޭނެ ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރުމެވެ. މި ތަމްރީނު ނިންމި ޒުވާނުންނަކީ ދިވެހި ސިފައިންގެ ސަފުތަކާ ގުޅި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާނެ ގާބިލު ބަޔަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.




