ގަމު ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރުގެ ކިޔެވުން މިއަދު ފަށައިގެން ކުރިއަށްދަނީ
Gamu councilge quran mubaaraathuge furathama burugr kiyevun miadhu fashaigen kuriahdhanee

ލ. ގަމު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރުގެ ކިޔެވުން މިއަދު ޙަމަދު ސްކޫލް ހޯލުގައި ފަށައިފިއެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގެ ކިޔެވުން މިއަދާއި މާދަމާ (16 އަދި 17 ޖޫން) ކުރިއަށްދާއިރު، ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މި މަހުގެ 19 އިން 20 އަށެވެ.
މި މުބާރާތަކީ ގަމު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ގަމު ރައްޔިތުންނަށާއި އެ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ބައިވެރިންގެ ޝަރުޛުތަކުގެ ތެރޭގައި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއި، ޤާނޫނީ ބަންދެއްގައި ހުރި މީހަކަށް ނުވުން ހިމެނެއެވެ.
ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް
މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެންމެ މޮޅު ތިން ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 15,000 ރުފިޔާ، 2 ވަނައަށް 10,000 ރުފިޔާ އަދި 3 ވަނައަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދެވޭނެއެވެ.
މުބާރާތުގެ ވަނަތައް ހޮވުމުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، އެއްވަނަ ހޮވޭނީ 80 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. ދެވަނަ 70 އިންސައްތައަށްވުރެ މަތިން އަދި ތިންވަނަ 60 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ބައިވެރިންގެ ތެރެއިންނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު
މި މުބާރާތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ބައެއް ވަނީ ހިމަނާފައެވެ. މި ބައިގައި ބައިވެރިވާ ފަރާތްތަކަށް ވަކި މުޤައްރަރެއް ކަނޑައެޅިފައި ނުވާއިރު، މި ބައިގައި ބައިވެރިވެ ކިޔަވާ ކޮންމެ ބައިވެރިޔަކަށް ޓްރޮފީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގައި ޙަމަދު ސްކޫލުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުންދާއިރު، މުބާރާތް ލައިވްކުރުމަށާއި ސޮފްޓްވެއަރ ބޭނުންކުރުމަށް ބޭނުންވާ އިންޓަރނެޓްގެ އެހީތެރިކަން ދިރާގުން ފޯރުކޮށްދެއެވެ. މި މުބާރާތަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ކައުންސިލުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.




