8 ކިލޯގެ ޑްރަގްސް އެތެރެކުރި އިންޑިއާ ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

ވައިގެމަގުން ރާއްޖެއަށް 8.49 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 26 އަހަރުގެ އަންހެނެއް ކަމަށްވާ ސިރަޖުދީން ރަޝިތާ އާއި 29 އަހަރުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލްއެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި ފެނިފައިވަނީ އެމީހުންގެ ލަގެޖުގައި ފޯލްޒް ބޮޓަމްއެއް (ދަގަނޑު ފޮށީގެ ދަށުގައި ސިއްރު ބައެއް) ހަދައިގެން ފޮރުވާފައި ހުއްޓައެވެ. މި މައްސަލައިގައި އަތުލައިގަތް 8 ޕެކެޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ޝައްކުކުރެވޭ އެއްޗެހި ކަމަށް ފުލުހުން ބުނެއެވެ.
ކޯޓުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ރާއްޖެއަށް މިތަކެތި އެތެރެކޮށްފައިވަނީ ”ބާއި“ ކިޔާ މީހަކު ފައިސާ ދޭނެކަމަށް ބުނުމުން ކަމަށް ސީނަށް ދިޔަ ފުލުހުންގެ ގާތުގައި އެމީހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އިތުރު ތިން ދިވެހިންވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް
މަސްތުވާތަކެއްޗާ ހަވާލުވާން އައި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ މިއަދު އިތުރުކޮށްފައެވެ. އެއީ ހަސަން ޝަމްއޫން، އިލްޔާސް އަހްމަދު އަދި އަހްމަދު އަފްރާހް އެވެ. ކްރިމިނަލް ކޯޓުން މި ތިން މީހުންގެ ބަންދަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި މި މަސްތުވާތަކެއްޗާ ހަވާލުވެފައިވަނީ ހަސަން ޝަމްއޫންއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.




