ގަމުގައި ކަށުކަމާކެމީގެ ކަންކަން ކުރާނެ ބަޔަކު އެކުލެވޭ ޕޫލެއް އުފެއްދުމަށް މީހުން ހޯދަން އިއުލާނުކޮށްފި
Gamugai kashukamaakemeege kankan kuraane bayaku ekulevey pooleh ufehdhumah meehun hoadhan iulaanukohffi

ލާމު އަތޮޅު ގަމުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުމަށާއި، ކަށްވަޅު ކޮނެދޭނެ މީހުން ހިމެނޭ ޚާއްޞަ ޕޫލެއް އެކުލަވާލުމަށް އެ ރަށު ކައުންސިލުން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ގަމު ކައުންސިލްގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ޕޫލް އެކުލަވާލުމުގެ މަގުސަދަކީ ރަށުގައި މީހަކު ނިޔާވުމުން ކުރަންޖެހޭ ކަށުކަމާކެމީގެ މަސައްކަތްތަކާއި ކަށްވަޅު ކޮނުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން ކަށުކަމާކެމީގެ ޕޫލް އަދި ކަށްވަޅު ކޮނެދޭ ފަރާތްތަކުގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 ޖުލައި 2026 ގެ 14:00 ގެ ކުރިން ސިޓީއަކުން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ.
ބައިވެރިވުމުގެ ޝަރުތުތައް
މި ޕޫލްތަކުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، ބުއްދި ސަލާމަތުން ހުރުމުގެ އިތުރުން ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، ކަށުކަމާކެމީގެ ޕޫލްގައި ރަޖިސްޓުރީވާ ފަރާތްތަކަކީ ކަށުކަމާކެމީގެ ކަންތައްތައް ރަނގަޅަށް ދަންނަ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން ކަށުކަމާކެމީގެ ހުއްދަ ނުވަތަ ސެޓްފިކެޓް އޮތް ފަރާތްތަކުން އެ ތަކެތީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިކަމަށް އެދި ހުށަހަޅާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުމަށް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.




