އިސްދޫ ކަލައިދޫ އެއާޕޯޓާއެކު ސަރަހައްދަށް އިޤްތިޞާދީ ފައިދާ ލިބިގެންދާނެ: ވަޒީރު މުއްޠަލިބް
Isdhoo kalaidhoo airportaaeku sarahahdhah iqthisaadhee faidhaa libigendhaane: Vazzeru Muthalib

ހައްދުންމަތީގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމީ އެ ސަރަޙައްދަކީ އިޤްތީޞާދީގޮތުން ބޮޑު ނަފާލިބޭނެ ސަރަޙައްދަކަށް ވުމުންކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު މުއްޠަލިބް ވިދާޅުވީ އެއަޕޯޓެއް ތަރައްޤީކުރާއިރު އެތަނެއްގެ އާބާދީއަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި، އެސަރަޙައްދެއްގައި ފަތުރުވެރިކަން ކުރިއެރުމަށް ހުރި ފުރުޞަތުތަކަށް ބަލަންޖެހޭ ކަމަށެވެ. ”އެހާ ބޮޑު ރަށެއްގައި، އާބާދީ އެއްފަސް ކުރުމުގެ ފުރުޞަތު އޮތް ރަށެއްގައި، އަދި އެހާ ގިނަ ކަންތައްތައް ކުރުމުގެ ފުރުޞަތު އޮތް ރަށެއްގައި އެއަޕޯޓެއް އަޅަން ނިންމީ އިސްދޫ ކަލައިދޫގައި“ ވަޒީރު ވިދާޅުވިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައެވެ. ރައީސް ވިދާޅުވީ އެއަޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށް ކަމަށާއި، އިސްދޫ ކަލައިދޫގެ ޚާއްސަ ކަމަކީ ބިން ހިއްކުމުގެ ޚަރަދަކާ ނުލައި އެއަޕޯޓު އެޅޭނެ ބިން އެރަށުގައި އޮތުން ކަމަށެވެ.
މި އެއަޕޯޓުގެ ސަބަބުން އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށްޓަކައި ކަނޑުމަގުން 45 މިނެޓުގެ ދިގު ދަތުރެއް ކުރަންޖެހެއެވެ.
އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށް ވުމާއެކު، މިއީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް ލިބޭ މުހިއްމު ފުރުޞަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. ލ. އަތޮޅަކީ ގުދުރަތީ ރީތިކަމާއި ތާރީޚީ ގޮތުން މުއްސަނދި އަތޮޅަކަށް ވާއިރު، މި އައު އެއަޕޯޓާއެކު އެ އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެއެވެ.




