ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ހައްލެއް ލިބިއްޖެ: އައިއެމްއެފް
Beyru faisaa aa behey qaanoonuge sababun dollarge thaashikamah hahleh libihjje: IMF

ރާއްޖޭގައި އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ބާޒާރުގައި ޑޮލަރު ލިބުމަށް ހުރި ދަތިތަކަށް ލުޔެއްލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.
އައިއެމްއެފް އިން މިކަން ހާމަކޮށްފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ނެރުނު ބަޔާނުގައެވެ.
ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މި މިޝަން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖޫން މަހުގެ 4 އިން 14 އަށެވެ. އައިއެމްއެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ބޭރުގެ މާލީ ހާލަތަށް ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ބޭރު ފައިސާ ލިބޭނެ މަގުތައް އިތުރުކުރުމަށް މި ގާނޫނުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިއުމާއި، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުން ލިބުނު އެހީތެރިކަމުގެ ސަބަބުން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިޒާވް މަތިކުރުމަށް ބާރަކަށްވި ކަމަށް އެ ފަންޑުން ފާހަގަކުރިއެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނަކީ ރާއްޖޭގައި ބޭރު ފައިސާ ބަދަލުކުރުމާއި، ބޭނުންކުރުމާއި އަދި ބޭރު ފައިސާއިން އާމްދަނީ ހޯދުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ގާނޫނެކެވެ.
އައިއެމްއެފްގެ ދިރާސާއިން ދައްކާ ގޮތުގައި، މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރުގައި ހުރި ތާށިކަން ފިލުވުމަށް ވަނީ އެދެވޭ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މެކްރޯ-އިކޮނޮމިކް ދާއިރާއިން އިތުރު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް އެ ފަންޑުން ވަނީ ލަފާދީފައެވެ.
އައިއެމްއެފްގެ މައިގަނޑު ލަފާދިނުންތައް:
- ދައުލަތުގެ ޚަރަދާއި އާމްދަނީގެ ނުބައްދަލުކަން ކުޑަކުރުން.
- މާލީ ހަމަޖެހުން ދަމަހައްޓަމުން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް މެދުނުކެނޑި ކުރިއަށް ގެންދިއުން.
މީގެ އިތުރުން، ބޭންކިން ދާއިރާ ސުޕަވައިޒްކުރުމާއި ކާރިސާތައް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކަށް ބަދަލު ގެނައުމަކީ މާލީ ދާއިރާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް އައިއެމްއެފް އިން ވަނީ ފާހަގަކޮށްފައެވެ.




