ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގަން އަބޫދާބީގެ އީގަލް ހިލްސްއާ ޙަވާލުކޮށްފި

Rasmalegai 20 billion dollarge biya mashroou eh hingan Abudhabi ge eagle hills aa haaavlukohffi

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ އަގުހުރި ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ”އީގަލް ހިލްސް“ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢެވެ.

”ދަ ނެޝަނަލް“ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރުއެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމުގެ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށް ބެލެވެއެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، މަޝްރޫޢު ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ގާތްގަނޑަކަށް 65،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މެއި މަހު ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު 8.8 ބިލިޔަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމަށްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢު ހިންގާ އީގަލް ހިލްސްއަކީ ދުނިޔޭގެ މަޝްހޫރު ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލަޢައްބާރުގެ އަމިއްލަ ކުންފުންޏެކެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފެންވަރު ރަނގަޅު ވޯޓަރފްރަންޓް ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted