ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވް ރަނގަޅުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި
Sarukaaruge harudhanaa fiyavalhuthakaaeku raajjeyge reserve rangalhuvefaivaakamah world bank in bunefi

ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ އައު ޤަވާއިދާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން އާއްމުކޮށްފައިވާ ”މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026“ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ ރިޒާވް އިތުރުވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރަންސީ ސްވޮޕަކީ ވެސް އިޤްތިޞާދީ ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ވޯލްޑް ބޭންކުން ވަނީ ސިފަކޮށްފައެވެ.
ރިޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަަލަށް 1.3 ބިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި އެޕްރީލު މަހުގެ ނިޔަލަށް އަދާކުރަންޖެހޭ ދަރަނިތައް ދައްކައި ނިންމުމަށްފަހު، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިޔަން ޑޮލަރު ހުރިކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
މާލީ ދާއިރާއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލަމުން ވޯލްޑް ބޭންކުން ބުނީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމާއި ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ނުވަތަ އާމްދަނީއާއި ޚަރަދުގެ ފަރަގު 5.1 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.3 އިންސައްތައެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ދައުލަތުގެ އާމްދަނީ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކު ޕޭމެންޓުތަކާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ކަރަންސީ ސްވޮޕްގެ ފައިސާ ރާއްޖެއިން ގަވާއިދުން އަނބުރާ ދައްކާފައިވާ ކަމެވެ. މިއީ ރާއްޖޭގެ މާލީ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.




