ހިލޭ އެހީގެ ގޮތުގައި މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރި ޢަދަދަށް އެހީ ލިބިއްޖެ
Hiley eheege gothugai mi aharah libeyne kamah andhaazaakuri adhadhah ehee libihjje

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި އާންމުކުރި މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް، ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު، މިމަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީއާއި ޓެކްސްނޫން އާމްދަނީ އަދި ހިލޭ އެހީ ހިމެނޭހެން ޖުމްލަ 40.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫންމަހުގެ 4ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.




