ގަމު ގޭގޭގެ ނަންބޯޑު ހަރުކުރަން ކައުންސިލުން އަންގައިފި
Gamu geygeyge nanboard harukuran councilun angaifi

ލ. ގަމުގެ އެކި ސަރަޙައްދުތައް ދެނެގަތުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ ރަށުގެ ހުރިހާ ގޯތިގެދޮރެއްގައި ނަންބޯޑު ހަރުކުރުމަށް ގަމު ކައުންސިލުން އަންގައިފިއެވެ.
ގަމު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ރަށުގެ އެކި ސަރަޙައްދުތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ގެތަކުގެ ނަންބޯޑު ބޭރަށް ފެންނާނެހެން ހުރުމަކީ މިކަމަށް ލިބޭނެ ބޮޑު ފަސޭހައެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލުން ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ރަށުގެ ހުރިހާ ގޯތި ގެދޮރެއްގައި ގޭގެ ނަން ބޭރަށް ފެންނާނެހެން ނަންބޯޑު ހަރުކޮށް ނިންމުމަށް އިލްތިމާސްކޮށްފައެވެ.
މި ނިންމުމަކީ ރަށުގެ އެޑްރެސް ސިސްޓަމް ހަރުދަނާކޮށް، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެ ފަރާތްތަކުން ބޭނުންވާ ތަންތަން ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ. ކައުންސިލުން އެދެނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުރިހާ ގޭބިސީތަކަކުންވެސް މިކަމަށް އިޖާބަދިނުމަށެވެ.




