ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެމްޕިއަންޝިޕް ލ.އަތޮޅު ހިމެނޭހެން 8 ޒޯނެއްގައި ބޭއްވުމަށް ނިންމައިފި
Rajje junior vollyball championship laamu atholhu himeneyhen 8 zone eh gai beyvumah ninmaifi

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ ދަރިވަރުންނަށް ބާއްވާ ”ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެމްޕިއަންޝިޕް“ މިއަހަރު މުޅި ރާއްޖެ 8 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. ލ. އަތޮޅު ހިމެނޭހެން ރާއްޖޭގެ ހުރިހާ ސަރަހައްދެއް ޝާމިލުވާ ގޮތަށް ބާއްވާ މި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ވަކިން، ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކެވެ. ވީއޭއެމްއިން ބުނި ގޮތުގައި މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ޒޯންތައް ބަހާލާފައިވާ ގޮތް
މުބާރާތް ކުރިއަށްދާނެ 8 ޒޯނަށް ބަލާއިރު، ޒޯން 1 ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. ޒޯން 2 ގައި ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭއިރު، ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅެވެ. ޒޯން 4 ގައި މ، ފ އަދި ދ އަތޮޅު ހިމެނޭއިރު، ޒޯން 5 ގައި ހިމެނެނީ ތ އަދި ލ އަތޮޅުގެ ސްކޫލްތަކެވެ. ޒޯން 6 ޚާއްސަކޮށްފައިވަނީ ގްރޭޓާ މާލޭ އޭރިއާއަށެވެ. ޒޯން 7 ގައި ގއ އަދި ގދ އަތޮޅު ހިމެނޭއިރު، ޒޯން 8 ގައި ހިމެނެނީ ޏ އަދި ސ އަތޮޅެވެ.
މުބާރާތް ބާއްވާ ތާރީޚުތައް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކުޅުން ފެށޭނީ ޒޯން 1، 2، 5 އަދި 8 ގައެވެ. ގްރޭޓާ މާލެ ސަރަހައްދު (ޒޯން 6) ގެ ކުޅުން އޮގަސްޓް 10 އިން ސެޕްޓެމްބަރު 4 އަށް ކުރިއަށްދާއިރު، ޒޯން 3، 4 އަދި 7 ގެ ކުޅުން ކުރިއަށްދާނީ އޮގަސްޓް 12 އިން 22 ގެ ނިޔަލަށެވެ.
ވީއޭއެމްއިން މިހާރު ވަނީ މި މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށާއި ހޯސްޓްކުރުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ ފުރަތަމަ ދުވަހެވެ.




