ސިވިލް ސަރވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓުގެ ބަފަރ ޓައިމެއް ދީފި
Civil service muvahzafun gadi nujehey gothah 30 minute ge buffer time eh dheefi

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ ’ބަފަރ ޓައިމް‘ އެއް ލިބޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ. މި ބަދަލާއެކު މުވައްޒަފުންނަށް އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ބަފަރ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތު ގަޑި ފެށޭ ވަގުތަށް ހާޒިރުނުވެވޭ ނަމަ، އެ ވަގުތު ހަމަޖައްސައިދިނުމަށް ދެވޭ ލުޔެކެވެ. މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ ވަގުތެއް މިގޮތަށް ލިބޭނެއެވެ. ނަމަވެސް، މި ވަގުތުގެ ތެރޭގައި ހާޒިރުވާ ނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަން ޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ބަފަރ ޓައިމް ބޭނުންކުރާ މުވައްޒަފުން، އޮފީހަށް ހާޒިރުވާ ވަގުތަށް ބަލައި އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެއެވެ. މިސާލަކަށް، އޮފީސް ފެށޭ ގަޑިއަކީ ހެނދުނު 8:00 ކަމަށްވެފައި، މުވައްޒަފަކު 8:15 ގައި ހާޒިރުވެއްޖެ ނަމަ، އެ މުވައްޒަފަކު މަސައްކަތް ނިންމާނީ މެންދުރުފަހު 2:15 ގައެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ 30 މިނެޓަށް ވުރެ ފަހުން ހާޒިރުވާ ނަމަ ބަލާނީ ގަޑިޖެހުނީ ކަމަށެވެ.
މިސްކިތު މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ގެނައި ބަދަލު
ސިވިލް ސަރވިސް ގަވާއިދަށް ގެނައި މި އިސްލާހުތަކުގެ ތެރޭގައި މިސްކިތު މުވައްޒަފުންގެ މަސައްކަތު ވަގުތުތައް ވެސް ވަނީ ތަފްސީލުކޮށްފައެވެ. އެގޮތުން، މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ.
މީގެ އިތުރުން، މިސްކިތުގެ މަސައްކަތު މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ތައްޔާރުކުރުމަށާއި، ނަމާދު ނިމުމުން މިސްކިތް ބެލެހެއްޓުމަށްޓަކައި، ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ހާޒިރުވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. ކޮންމެ ނަމާދު ވަގުތަކު މަދުވެގެން 30 މިނެޓު މިސްކިތުގައި ހޭދަކުރަން ޖެހޭއިރު، ދުވާލަކު މަދުވެގެން 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަން ޖެހޭނެއެވެ.
މި އިސްލާހުތަކަކީ ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް، މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށް ބެލެވެއެވެ.




