ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފިޔަވަޅު އަޅަނީ ވަށާޖެހޭ ހައްލެއް ލިބޭގޮތަށް: ރައީސް
Dhunfathaa dhuru mujthamaeh binaakurumah alhanee vashaajehey hahleh libeygothah: Raees

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ ވަރަށް ބޮޑަށް ރޭވިގެން، ވަށާޖެހޭ ހައްލެއް ލިބޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވަށާޖެހޭ ސިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ތަންފީޒުކުރައްވަން ފެއްޓެވީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ރައްޔިތުން އެކަމުން ދުރުކުރުމަކީ ޤައުމަށް ފައިދާހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމެވި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމުން އެ ބޭނުންކުރާ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ބަދަލުވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދިރާސާތަކަށް ބަލައި، ދުންފަތުގެ އުފެއްދުންތަކުން ނަގާ ސްޕެސިފިކް ރޭޓް 4 ރުފިޔާއަށް ކަނޑައެޅުމަށް ނިންމެވީ އެކަމުން މީހުން ދުރުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެއީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަރަށް ގިނަބަޔަކު ވޭޕް ހުއްޓާލުމުން ވަދެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން، އެކަމަށް ވިސްނާފައި. އެކަމުގެ ނަތީޖާވެސް ރަނގަޅު،“ ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ޑިއުޓީއަށް ގެނައި މި ބަދަލުގެ ސަބަބުން، ސިއްޙަތަށް ގެއްލުންވާ މިފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކަށް އެކަމުން ދުރުވާން ފަސޭހަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރަށްރަށުގެ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޚާއްސަ ޤައުމީ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތްތަކަކީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ރޭވުންތެރި މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




