އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި
Aharuge mihaathanah resort thakugai 7 lakka ahvure gina fathuruverin chuhtee heydhakohffi

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 71.8 އިންސައްތައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,036,558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން އިޚްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 727,709 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ 179 ރިސޯޓުން ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ 67 އިންސައްތަ ހިއްސާކުރެއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި
ރިސޯޓުތަކަށްފަހު ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލީ ގެސްޓްހައުސްތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 238,417 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު 923 ގެސްޓްހައުސް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން، ހޮޓެލްތަކުގައި 24,978 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 21,008 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން 162,305 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަކީ:
* ޗައިނާ: 162,305 ފަތުރުވެރިން
* ރަޝިއާ: 144,552 ފަތުރުވެރިން
* އިނގިރޭސިވިލާތް: 84,787 ފަތުރުވެރިން
* އިޓަލީވިލާތް: 72,802 ފަތުރުވެރިން
* ޖަރުމަނުވިލާތް: 65,888 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން ޖުމްލަ 1,021,711 ފަތުރުވެރިން ވައިގެ މަގުން އައިސްފައިވާއިރު، މީގެ ތެރެއިން 1,009,074 ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.




