ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި
fathuruverikamuge off seasona dhimaakoh bank thakah dhookuraa dollarge minvaru MMA in ithurukohffi

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
މިއީ ބޭންކުތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު ޖުމްލަކޮށް %25 އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ.
ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށް އެޅި ފިޔަވަޅެއް
މަރުކަޒީ ބޭންކުން ވިދާޅުވީ، މި ބަދަލުގެ ސަބަބުން ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އޮފް-ސީޒަނުގައި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެއޮތޯރިޓީން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެމްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %72 އިތުރުވެފައެވެ. މީގެ ތެރެއިންވެސް ބޭސްފަރުވާއަށާއި ތަޢުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް ވަނީ %78 އިތުރުވެފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދުވެސް ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު %30 އިތުރުވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.



