ޓިކެޓް އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕެސެންޖަރުން މަދުވުން: ވަޒީރު އަމީން

Ticket aguheyo kurumah oiy enmme bodu gonjehumakee passengerun madhuvun: vazeeru Ameen

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ދަށްކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއާލައިންތަކުގެ ހިންގުމުގެ ހަރަދާ އަޅާބަލާއިރު ދަތުރުކުރާ މީހުންގެ އަދަދު މަދުވުން ކަމަށް ދަތުރުފަތުރާ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އޮޕަރޭޝަނަލް ޚަރަދާއި ޓިކެޓްގެ އަގު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތަކުގެ އިންޖީނު މަރާމާތު ކުރުމާއި އޮޕަރޭޝަނަލް ޚަރަދުތަކަށް ބަލާއިރު، މިހާރު ހުރި ޓިކެޓުގެ އަގުތަކަކީ ޚަރަދަށްވުރެ މާ ބޮޑު އަގުތަކެއް ނޫން ކަމަށެވެ. ”މި މަތިންދާބޯޓު އޮޕަރޭޓް ކުރުމަކީ ވަރަށް ބޮޑު ހަރަދެއް އަސްލުގަ. މިހާރުވެސް މި އޮޕަރޭޝަނަލް ކޯސްޓަށްވުރެ، މި ދެންނެވި ޑިމާންޑް ރާއްޖޭގައި، މީހުންގެ އަދަދަށް ބަލައިފައި، އިންޖިން މެއިންޓެނެންސްއާއި އޮޕަރޭޝަނަލް ކޯސްޓަށްވުރެ ބޮޑުކޮށްނެއް ނޫން ޓިކެޓުގެ އަގުތައް މި ހުންނަނީ،“ ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަގުތައް 30 އާއި 40 އިންސައްތައާ ދެމެދު ބޮޑުވެފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުން ވަނީ އެ ބުރަ ރައްޔިތުންނަށް ނުޖައްސައި އަގުތައް އެއްވަރެއްގައި ހިފަހައްޓާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ އެފީޝަންޓު އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ އަދަދަށް ޕެސެންޖަރުން ނެތުމަކީ ޓިކެޓް އަގު ދަށްކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުން

މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އުންމީދަކީ އަންނަ އަހަރުގެ ތެރޭގައި މި ބޯޓު އޮޕަރޭޝަނަށް ނެރެ، ބައިނަލްއަގުވާމީ މަންޒިލްތަކަށް ހިދުމަތް ދޭން ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ވައިޑް-ބޮޑީ ބޯޓުގެ ކާމިޔާބީއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި އެ ބޯޓުން 67,000 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. މިހާރުވެސް މި ބޯޓު ބޭނުންކޮށްގެން ޗައިނާ، އޮސްޓްރޭލިއާ، އިންޑިއާ އަދި ބަންގުލަދޭޝް ފަދަ ގައުމުތަކަށް މުހިންމު ދަތުރުތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެއާޕޯޓުތައް އިތުރުވީ ނަމަވެސް، ދަތުރުކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެ ތަންތަން ގެއްލުމުގައި ހިންގަން ޖެހުމަކީ އަގު ހެޔޮކުރުމަށް އޮތް ގޮންޖެހުމެއް ކަމުގައި ވީނަމަވެސް، ސަރުކާރުގެ އަމާޒަކީ އެއާލައިންގެ ގާބިލުކަން އިތުރުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments