ކީސްޓޭޖް 1އަށް ނޮވެމްބަރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ބާއްވަނީ

Keystage 1ah November gai bainalaqwaamee fenvaruge imthihaaneh baahavnee

ރާއްޖޭގެ ސްކޫލުތަކުގެ ކީސްޓޭޖް 1ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ ފެންވަރުގައި ވަޒަންކުރުމަށްޓަކައި، މިއަހަރުގެ ނޮވެމްބަރު މަހު ހާއްސަ އިމްތިހާނެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން އިޢުލާންކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ދަރިވަރުންގެ ނަތީޖާއާއި އެހެން ޤައުމުތަކުގެ އެ އުމުރުފުރާގެ ކުދިންގެ ނަތީޖާ އަޅާކިޔުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތަޢުލީމީ ނިޒާމު ބައްޓަންކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ކުރިން ބޭއްވި އެސެސްމަންޓުތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ފާހަގަކުރައްވައި، މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެސެސްމަންޓުތަކަށް ބިނާކޮށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ދަށުން، ކީސްޓޭޖް 1ގެ ދަރިވަރުންގެ ”ތީމެޓިކް“ ފޮތްތަކާއި އުނގަންނައިދިނުމުގެ އުސޫލުތައް މުދައްރިސުންނާއި ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަށް ބަދަލުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހިސާބު މާއްދާގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި، އެ މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށް، ދަރިވަރުން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ހާމަކުރެއްވިއެވެ.

ނޮވެމްބަރު މަހު ބާއްވާ އިމްތިހާނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ”މި އަހަރުގެ ނޮވެމްބަރ މަހު މުޅިން އަލަށް ދިވެހިރާއްޖޭގެ ދަރިވަރުން ކީ ސްޓޭޖް-1ގެ ދަރިވަރުން އެ ދަރިވަރުންގެ އެއްއުމުރުފުރާގެ ބައިނަލްއަޤްވާމީ ކުދިންނާއި، އެކުދިންގެ ނަތީޖާއާއި އަޅާކިޔާ ލެވޭވަރުގެ އިމްތިހާނެއް ހެދިގެންދާނެ. އެއިން އެނގިގެންދާނެ ކިހާ ހިސާބެއްގައިތޯ ދަރިވަރުން ހިސާބުގެ ޢިލްމު، ސައިންސްގެ ޢިލްމު، އިނގިރޭސިގެ ޢިލްމު މިހުރީ އެހެން ކުދިންނާއި، އަޅާ ކިޔާއިރުގައި.“ ކަމަށެވެ.

މީގެ އިތުރުން، ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިދިޔަ މަހުން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ބެލުމުގެ މަސައްކަތްތަކެއްވެސް މިނިސްޓްރީން ވަނީ ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments