ދީނީ އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށް މާވަށު ކައުންސިލާއި ޖަމިއްޔަތުއްސަލަފް އެއްބަސްވުމެއްގައި ސޮއިކޮށްފި

Dheenee adhi ijthimaaee heyluntherikan ithuru kurumah maavashu councilaa jamiyyathuh salafaa ehbassvumehgai soekohffi

ލ. މާވަށުގެ ދީނީ އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި މާވަށު ކައުންސިލާއި ޖަމިއްޔަތުއްސަލަފާ ދެމެދު ހާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ދެ ފަރާތް ގުޅިގެން ހޭލުންތެރިކުރުވުމުގެ އެކި ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

މާވަށު އިޖުތިމާއީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މާވަށު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލް މެންބަރު ފާޠިމަތު ޝެހެނާޒް އެވެ. ޖަމިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ދަޢުވާ މެނޭޖަރު އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދު އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މާވަށު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މިހަފްތާގައި ކުރިއަށްގެންދާ ”ހަފްތާ ބަންދު ދަރުސް“ ޕްރޮގްރާމުގެ ތެރެއިން ރޭ ބޭއްވި ހާއްސަ ދަރުހަށް ފަހުގައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދީނީ، އިޖުތިމާއީ އަދި އެހެނިހެން ދާއިރާތަކުން ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ޖަމިއްޔަތުއްސަލަފުން ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ކޮންމެ ތިން މަހަކުން އެއްފަހަރު ކައުންސިލާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެއެވެ. މީގެ އިތުރުން ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، އިޖުތިމާއީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ކައުންސިލުން އެދިއްޖެ ހާލަތެއްގައި ޝަރުޢީ އެކި ކަންކަމާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފްގެ އިލްމުވެރިންގެ މަޖިލީސް މެދުވެރިކޮށް ލަފާ ފޯރުކޮށްދިނުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. މިއީ ރަށުގެ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން ފެތުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެ ފަރާތުން ވެސް ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments