ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މާވަށު ދާއިރާގެ މެމްބަރު ގޮވާލައްވައިފި

Sarukaaruge beykaaru haradhuthah huhtaalai assasee hagguthah kashavarukohdhinumah maavashu dhaairaage member govaalahvaifi

ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ވަގުތުން ވަގުތަށް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު ގޮވާލައްވައިފިއެވެ.

މެމްބަރު މިކަމަށް ގޮވާލެއްވީ ލ، ހިތަދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައެވެ.

މާވަށު ދާއިރާގެ މެމްބަރު ފާހަގަކުރެއްވި ގޮތުގައި، ލ. ހިތަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި އަހަރުގެ ފެށުނީއްސުރެ އެ ރަށުގެ ރައްޔިތުން އަންނަނީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި ހުރި ތިން ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރަކަށް މައްސަލަ ދިމާވެ ހަލާކުވެފައިވުމުގެ ސަބަބުން ކަރަންޓު ކެނޑި، ރަށުގެ ރައްޔިތުން އަންނަނީ އިންތިހާއަށް ދަތި އުނދަހޫތަކާ ކުރިމަތިލަމުންނެވެ.

މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ވަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް ސަރުކާރަށް މިކަމަށް އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަންބޮޑުވުން ބޮޑު މައްސަލައަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާޒިރުކޮށް، މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ކޮމިޓީގެ މުގައްރިރަށް ފޮނުއްވި ސިޓީގައި މިކަމާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދެއްވުމަށްވެސް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުން ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި، ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަން މެމްބަރު ވަނީ ހަނދާންކޮށްދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments